ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އާންމުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރީސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 215 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުރީސަފުގައި މަސައްކަތްކުރާ 14،020 މީހަކަށް ހުސްވި ނޮވެންބަރު މަހު ފްރަންޓްލައިން އެލަވެންސްގެ ގޮތުގައި 215.04 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން ސަރުކާރުން އަންނަނީ ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަ ރިސްކް އެލަވަންސެއް ދެމުންނެވެ. އެގޮތުން ސަރުކާރުން މި އެލަވެންސް ދޭ ފަރާތްތަކުގެ ތެރޭގައި، ނަރުހުންނާއި، ޑޮކްޓަރުންނާއި، ލެބް ޓެކްނީޝަނުން އަދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތްކުރާ ފަރާތްތައް ހިމެނެއެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އެލަވަންސްދެނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ، މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ ރޭޓުންނެވެ.

ހައި ރިސްކު މީހުންގެ ގޮތުގައި ބަލަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހަކާ ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާ ގާތުން ދިމާވެދާނެ މީހުންނެވެ. މީޑިއަމް ރިސްކު މީހުންނަކީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ޚިދުމަތް ދޭން ނުޖެހުނުނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ. ލޯ ރިސްކު މީހުންނަކީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޮވިޑްގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރަށްވުރެ ގިނައިރު ހޭދަކުރާ މީހުންނެވެ.

ކޮވިޑާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބޮޑެތި ކާމިޔާބީތަކެއްް ހާސިލުކޮށްފައިވާއިރު، ރާއްޖޭގައި ކުރިއާއަޅާ ބަލާފަ މިހާރު ކޮވިޑް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން