ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް
ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް
"އިިންޑިއާ އައުޓް" ކެމްޕޭނަކީ ރައީސް ޔާމީން ހިންގަވާ ޖަރީމާއެއް ކަމަށް ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ، އެއްވެސް ގައުމެއްގެ އަސްކަރިއްޔާއިން ދިވެހި ރާއްޖޭގައި ތިބުމަށް ރުހިގެން ނުހުންނަވާނެ ކަމަށާއި، އެހެން ނަމަވެސް އިދިކޮޅު ޕީޕީއެމް އަދި ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ޖަރީމާއެއް ކަމަށެވެ.

ނާޒިމް ވަނީ "އިންޑިއާ އައުޓް" ކެމްޕޭނުގައި އެއްވެސް ރައްޔިތަކު ބައިވެރި ނުވުމަށް ގޮވާލައްވާފަ އެވެ. އަދި އެ ކެމްޕޭންގެ ސަބަބުން އަވައްޓެރިންނާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހީނަރުވާނެ ކަމަށާއި އަދި އޭގެ ސަބަބުން ރާއްޖެއަށް އިގްތިސާދީ ގޮތުންވެސް ގެއްލުންވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރައީސް ޔާމިން ސަރުކަރުގައި ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް ފިސްތޯލައެއް ގެކޮޅުން ފެނިގެން ކަމަށް ބުނާ މައްސަލައެއްގައި ހުކުމްކޮށް ޖަލަށްލާފައިވާ ކާނަލް ނާޒިމް މިމޭރުމުން ވިދާޅުވެފައި ވާއިރު އިދިކޮޅު ކޯލިޝަނުން ބުނަނީ އިންޑިޔާ އައުޓް ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް ހިންގާ ހަރަކާތެއްް ކަމަށެވެ. އެ ހަރަކާތުގައި މައިގަނޑު ގޮތެެއްގައި ގޮވާލަނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭރުކުރުމަށެވެ.

ރައީސް ޔާމިން ޖަލުން މިނިވަންވުމާއެކު އިދިކޮޅު ކޯލިޝަނުން ހިންގާ އެ ހަރަކާތް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

ރައީސް ޔާމިންގެ ވެރިކަން ނިމުނުފަހުން ސްޕްރީމް ކޯޓުން ހުކުމް ބާތިލުކޮށް މިނިވަން ކުރި ފަހުން ކާނަލް ނާޒިމް ސިޔާސީ މަސައްކަތް ކުރެއްވީ ގާސިމް އިބްރާހީމްގެ އެހީތެރިކަމާއެކު ޖުމްހޫރީ ޕާޓީގައެވެ. އެގޮތުން ނާޒިމް މިހާރު ފުރުއްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކީ ވެސް ޖޭޕީގެ ޓިކެޓްގައި ނުކުމެވަޑައިގެން ގާސިމް އިބްރާހީމްގެ ތާއީދާއި މަދަދާއި އެހީތެރިކަމާއެކު ލިބިވަޑައިގެންނެވި ގޮނޑިއެކެވެ. ނަމަވެސް މިއަހަރު ނާޒިމް އިސްކޮށް ހުންނަވައިގެން ވަނީ އަލަށް ސިޔާސީ ޕާޓީއެއް އުފައްދަވައިގެން އެޕާޓީގެ ރައީސްކަމުގެ މަގާމާއެކު ސިޔާސީ މައިދާނަށް އަލުން ނުކުމެ ވަޑައިގެންފައެވެ.

ކާނަލް ނާޒިމްގެ ޕާޓީން މިހާތަނަށް ބާއްވާފައިވާ ނޫސްކޮންފަރެންސްތަކާއި ބައްދަލުވުން ތަކުގައި ވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެކި މައުޟޫތަކުގައި ރައްދު ދެއްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު


4

ބޯހަލާކު

20-Dec-2021

މީ އަނެއް ޢައްދާރު ކަލެއަކަށް ނޭގޭތަ މިގޮވާއެއްޗެއް މިޤައުމު އަޅުވެތި ކުރާއިރު ނޭގޭކަމަށް ހަދައިގެން ތިހުންނަނީ ކަލޭކުރިހުވާ ކަލެއާއި ހަމަކުރާނެ އިންޝާﷲ