މެންބަރު ސަނީފް (ކ) ހުވަދޫއަތޮޅު ބައެއް މެންބަރުންނާއެކު ރައީސް ޞާލިޙްގެ އަރިހުގައި
މެންބަރު ސަނީފް (ކ) ހުވަދޫއަތޮޅު ބައެއް މެންބަރުންނާއެކު ރައީސް ޞާލިޙްގެ އަރިހުގައި
ހުވަދޫ އަތޮޅުގައި ތަރައްޤީ ކުރުމަށް ރައީސް ޞާލިޙް ވަޢުދުވެވަޑައިގެންނެވި އެއަރޕޯޓް ނާޅަނީ އެ އަތޮޅުގައި ފަޅުރަށްތަކާއި ވަޞީލަތްތައް ނެތުމުންތޯއޭ ވިދާޅުވެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުالله ސަނީފް ސުވާލު އުފައްދަވައިފިއެވެ.

ސަރުކާރުން މިއަދު ވަނީ ކްރޮސް - ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން 6 ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށް އިޢުލާނުކޮށްފައެވެ. ނަމަވެސް އޭގެ ތެރޭގައި ހުވަދުއަތޮޅަށް ނިސްބަތްވާ އެއަރޕޯޓެއް ނެތެވެ.

ހުވަދުއަތޮޅަށް ނިސްބަތްވާ އެއަރޕޯޓެއް އެ ލިސްޓުގައި ނެތް ނަމަވެސް ރ. އަތޮޅު ދެކުނުބިތުގައި އެއަރޕޯޓެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ މީގެ ކުރިން އަލިފުށީގައި އެއަރޕޯޓެއް އެޅުމަށް ބަޖެޓްގައި ނެތި، އެރަށުގައި އެއާޕޯޓް އެޅުމަށް ރައީސް ޞާލިޙް ނިންމެވުމުން ސިޔާސީގޮތުން ކުރިމަތިވި ފިއްތުންތައް ޙައްލުކުރެއްވުމަށް އެ ދުވަސްވަރު ރައީސް ޞާލިޙް ވެވަޑައިގެންނެވި ވަޢުދެއް ކަމަށް ވެސް ބައެއް ފަރާތްތަކުން އޭރު ބުނެފައި ވެއެވެ.

އެކަމާ ގުޅިގެން މެންބަރު ސަނީފް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ހުވަދޫގައި އިންޓަރނޭޝަނަލް އެއަރޕޯރޓެއް އަޅުއްވައި ދެއްވާނެކަމަށް ވެވަޑައިގަތް ވަަޢުދު އަދިވެސް ފުއްދިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ކްރޮސް ސަބްސިޑީގެ ދަށުން ވަަަޢުދު ނުވާ އެހެނިހެން އެއަރޕޯރޓްތައް ތަރައްޤީކުރަނީ ހުވަދު އަތޮޅުގައި ފަޅުރަށްތަކާާއި ވަޞީލަތްތައް ނެތީމަތޯ ސަނީފް ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ބަހުސް ކޮމިޓީގައި ވާހަކަ ދައްކަވަމުން މެމްބަރު ސަނީފް ވިދާޅުވީ، މުޅި ރާއްޖޭގައި 1100 ރަށް އޮތްއިރު ހުވަދޫ އަތޮޅުގައި 255 ރަށް އެބަ އޮތް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ރަށްތަކުގެ ނިސްބަތުން ފަސްބައިކުޅަ އެއްބައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެ ތަރައްގީ ކުރަންޖެހޭނީ ރަށްތައް އޮންނަ ގޮތަށް އިގްތިސާދު ފުޅާކުރެވޭނެ ގޮތަށް ކަމަށާއި ދިވެހިރާއްޖޭގެ ރަށްތައް އޮންނަ ގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ނުހިންގަނީ ކީއްވެތޯ ސަނީފް ވަނީ ސުވާލު އުފައްދަވާފައެވެ. ހުވަދު އަތޮޅުގައި އިންޓަނޭޝަން އެއާޕޯޓެއް ހަދަން އިކޮނަމިކް ކައުންސިލަށް ބަޔަކު ޕްރޮޕޯސަލް ހުށަހަޅާފައި އޮންނަތާ މިހާރު އަށް މަސް ވެއްޖެ ކަމަށާއި، ނަމަވެސް އެކަމަށް އަހައްމިޔަތުކަމެއް ދީފައި ނުވާކަމަށްވެސް މީގެ ކުރިން ސަނީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ތަރައްޤީ ލާމަރުކަޒު ކުރުމުގެ ނާރެހަކީ ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅައިލުން ކަމަށެވެ. އެގޮތުން އިތުރު 5 އެއަރޕޯޓެއް ޤާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު