ފުލުހުންގެ މައި މަރުކަޒު
ފުލުހުންގެ މައި މަރުކަޒު
"ނިއުނޯމަލް"ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އައު ޕްރޮޓޮކޯލްތަކެއް އެކުލަވާލާނެ ކަމަށް ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއު އެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދު ވިދާޅުވީ ނިއު ނޯމަލްގައި ވެސް ޚާއްސަ ސަމާލުކަމެއް ދޭނީ ފުލުހުންގެ ވަރކް ފޯރސް ރަނގަޅަށް ބެލެހެއްޓުމަށް ކަމަށެވެ.

ފުލުހުންނަކީ "ފްރޮންޓްލައިން"ގައި މަސައްކަތް ކުރަން ޖެހޭ ބަޔަކަށް ވާތީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައި ވާކަން ފާހަގަކުރައްވައި ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ތެރޭގައި ކޮންމެހެން ބާއްވަންޖެހޭ ބްރީފިންއެއް ނޫނިއްޔާ ނުބާއްވާނެ ކަމަށެވެ. އަދި ކެއުމާއި، އެހެނިހެން އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށް ސީޕީ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ތެރޭގައި ހެލްތު އެންޑް ސޭފްޓީ ޓާސްކް ފޯސްއެއް އެކުލަވާފައިވާ ކަމަށެވެ. މީގެ ތެރޭގައި ސިއްހީ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ ފުލުހުން ހިމެނޭ ކަމަށާއި، މަސައްކަތްތައް ރޭވިގެން ދަނީ އެމީހުންގެ އިރުޝާދާއި އެއްގޮތަށް ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

"އޭގެ އިތުރުން މިހާރު އަޅުގަނޑުމެން މިއަންނަނީ ގްރެޖުއަލް ރިލެކްސިންއެއް އަޅުގަނޑުމެން އެންމެން ވެސް ތައްޔާރުވަމުން މިއަންނަނީ. އަންގާފައިވާ ކަންތައްތައް ތަންފީޒު ކުރުމަށްޓަކައި، އަލަށް އެކުލަވާލެވޭ މިންގަނޑުތައް ތަންފީޒު ކުރުމަށްޓަކައި އެޗްޕީއޭގެ މަސައްކަތްތަކާއި ގުޅިގެން އަޅުގަނޑުމެންގެ ތެރޭގައި ޕްރޮޓޮކޯލްތަކެއް އެކުލަވާލެވޭނެ." ސީޕީ ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ "ނިއު ނޯމަލް" ގައި ފުލުހުންގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި، ފުލުހުންނަށް ވެސް ފުރިހަމަ ތަމްރީނު ދެވިފައިވާ ކަމަށެވެ. ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ އެއްބާރުލުން ދިނުމަށް ކޮމިޝަނަރ ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން