ކ. މާފުށި | ރަސް ފޮޓޯ: ޝާޙް
ކ. މާފުށި | ރަސް ފޮޓޯ: ޝާޙް
ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި މާފުށީ ރައްޔިތުންނަށްވީ ވަޢުދު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފުއްދަވައި ދެއްވައިފިކަމަށް މާފުށީ ކައުންސިލްގެ ރައީސް، ހަސަން ސަލާޙް ވިދާޅުވެއްޖެއެވެ.

32 ހެކްޓަރުގެ މާފުށި ކައިރިން 25 ހެކްޓަރުގެ ބިން ހިއްކައި, 1100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި މާފުށި ޕިކްނިކް އައިލެންޑް އެ ރަށު ކައުންސިލާ ރަސްމީކޮށް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް ހަސަން ސަލާޙް ވިދާޅުވީ މާފުށީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ ދަތިކަން ކަމަށެވެ.

އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް، ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެރަށަށް ވަޑައިގެން ވައުދުވެވަޑައިގެންފައިވާ ކަމެއް ކަމަށް ޞަލާހް ވިދާޅުވިއެވެ. ޞަލާޙް ވިދާޅުވީ ރައީސް މާފުށީ ރައްޔިތުންނަށް ވީވަޢުދު ފުއްދަވައިފި ކަމަށެވެ.

"މާފުށީ ރައްޔިތުންނަށް ގޯތިދެވޭނެ ބިމެއް ނެތުމުން އެކަމަށް ސަރުކާރުކާރުގައި ހަމަ އެދުމާއެކު އެއޮތީ 25 ހެކްޓަރުގެ ބިމެއް ރައްޔިތުންނަށް ހިއްކައި ދެއްވާފަ. މާފުށީގައި ބީޗެއް ނެތުމުން ހަތަރުފަރާތުން ބީޗެއް އޮންނާނެހެން އެބިން ހިއްކަވައި ދެއްވީ ހަމަ މި ސަރުކާރުން. " ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން މާފުއްޓަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގެ ފުރުސަތު ސަރުކާރުން ދިނީ މާފުށީގެ ރައްޔިތުންނަށް ކަމަށް ޞަލާޙް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ހެޔޮވެރިކަމުގެ ބައިވެރިން އެއްސެވީ މާފުށީ ރައްޔިތުންގެ އަޑު ކަމަށްވެސް ޞަލާޙް މިއަދު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ކ. މާފުށީގައި އަލަށް ހިއްކި ބިމުގެ ކަނެކްޝަން ބުރިޖު އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު