ކޯވިޑް-19 އަާއި ގުޅުގެން ފްރަންޓް ލައިންގައި މަސައްކަތް ކުރާ އެމްއެންޑީއެފްގެ ބައެއް އޮފިސަރުން
ކޯވިޑް-19 އަާއި ގުޅުގެން ފްރަންޓް ލައިންގައި މަސައްކަތް ކުރާ އެމްއެންޑީއެފްގެ ބައެއް އޮފިސަރުން
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ސިފައިން ވަމުންދާ ޤުރުބާނީ އަކީ ތަޢުރީފް ޙައްޤު، ސެލިއުޓް ޙައްޤު ޤުރުބާނީއެއްކަން ސާބިތުވެގެންދާ މަންޒަރަކާއެކު ގިނަ ބައެއްގެ ޝުޢޫރުތައް އަނެއްކާވެސް ސޯޝަލް މީޑިއާގައި ބަންޑުންކޮށްލައިފިއެވެ.

ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި، އަދި ކާރިސާއެއްގައި އެންމެ ކައިރިން އެންމެ ކުރީސަފުގައި އެންމެ ނުރައްކާތެރިކަމާއެކު މަސައްކަތް ކުރާ ދިވެހި ސިފައިން މިއަދުވެސް ދަނީ ދިވެހި ރައްޔިތުންނަށްޓަކައި، ދޭ އަތްވަކަށް، ވެހޭ ބޯ ވާރެއަކަށް، ޖެހޭ ގަދަވަޔާއި، ކަނޑުން ނަގާ ބިޔަރާޅުތަކަށް ބެލުމެއްނެތި، ޤުރުބާން ވަމުންނެވެ.

ރޭ އެމްއެންޑީއެފްގެ ޓްވިޓާ އެކައުންޓްގައި އާންމުކުރި ކުރު ވީޑިއޯ ކްލިޕުން ފެންނަނީ ހުޅަނގު މޫސުމުގައި ރާއްޖެއަށް ކުރަމުން މިދާ ގަދަ ވިއްސާރައިގައި، ޖެހެމުން ދިޔަ ބާރުވަޔާ އެކު، ނަގަމުންދިޔަ ބިޔަ ރާޅުތަކުގެ ތެރެއިން ސިފައިން ކުރަމުން ދިޔަ ހިތްވަރުގަދަ މަސައްކަތް ތަކެކެވެ.



އެ ވީޑިއޯގައި ފެންނަނީ އެމްއެންޑީއެފްގެ ނޮދާން އޭރިއާގެ ކޯސްޓްގާޑުގެ ސިފައިން ޅ. ފުށިފަރު، ކަރަންޓީން ފެސިލިޓީއަށް ބޭނުންވާ ކޯވިޑް-19ގެ ޓެސްޓް ކިޓްތަކެއް ފޯރުކޮށް ދިނުމަށްޓަކައި ސިފައިން ކުރި ހިތްވަރުގަދަ މަސައްކަތެކެވެ. ބޮޑެތި ރާޅުތަކުގެ ތެރެއިން ލޯންޗް ކައިރިކުރަން ޖެހެނީ ރާޅާ ތަޅަތަޅާ އޮތް ކަނދުފައްޗެއް ކައިރިއަށެވެ. ކަނދުފަތި މަތީގައި، ޓެސްޓްކިޓްތަކާ ހަވާލުވާން ހުރި ސިފައިންގެ އޮފިސަރު، ލޯންޗް ކައިރިކޮށްލުމާއެކު އެސާމާނާ ހަވާލުވާ މަންޒަރަކީ ނޭވާ ހިފަހައްޓާލަން ޖެހޭ، ބިރުވެރި މަންޒަރެކެވެ.

ކޯވިޑް-19 ރާއްޖެ އަށް ފެތުރިފައިވާ މި ދަނޑިވަޅުގައިވެސް ސިއްހީ ހިދުމަތްތެރިންގެ އިތުރުން ޤައުމަށްޓަކައި އެންމެ ބޮޑު ޤުރުބާނީއެއްވާ އެއްބަޔަކީ ދިވެހި ސިފައިންނާއި ފުލުހުންނެވެ.

ކޮވިޑަށް ޕޮޒިޓިވްވި ސިފައިންގެ އަދަދު 40 އިން މައްޗަށް އަރާފައި ވާއިރު، ބައްޔާ ހަނގުރާމަ ކުރުމަށް ފަހު ރަނގަޅުވެ އެނބުރި އަނެއްކާވެސް ސިފައިން ނުކުންނަނީ ގައުމީ ހިދުމަތަށެވެ. ކޯވިޑް-19 އިން ރައްޔިތުން ސަލާމަތް ކުރުމުގައި އެންމެ ފަހު މީހާއާ ހަމައަށް ވެސް ދިވެހި ސިފައިން މަސައްކަތް ކުރާނެ ކަމަށް ޗީފްއޮފް ޑިފެންސް ފޯސް މޭޖަރ ޝަމާލް ވަނީ ވިދާޅުވެފައެވެ.

ދިވެހި ސިފައިން ޤައުމަށްޓަކައި ވަމުން އެދާ ގުރުބާނީއަށް މި ނޫހުގެ ފަރާތުން ހަމަ އައްސަރިބަހާއި ސާބަހެވެ. އެ ބޭފުޅުން އެ ކުރަށްވަނީ ސެލިއުޓް ޙައްޤު މަސައްކަތެކެވެ.


ކިޔުންތެރިންގެ ހިޔާލު


-14

ފަރާ

23-May-2020

ހަމަ އައްސަރި ބަހާ ސާބަސް



ޓްރެންޑިން