ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް އާއި ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله
ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް އާއި ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله
ވަރަށް ކެރިގެން ނޫނީ ޑްރަގް ވިޔަފާރި ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله އަށް ރައްދު ދެއްވައިފިއެވެ.

ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله މިއަދު ވިދާޅުވީ ޑްރަގު ވިޔަފާރީގެ އަޑީގައި ސިޔާސީ މީހުންނާއި ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ތިބިކަން ރައްޔިތުންނަށްވެސް އެނގޭ ކަމަށާއި އެއީ ސިއްރެއް ނޫން ކަަމަށެވެ. އަދި އެއީ ކޮން ބައެއްކަން ފުލުހުންނާއި ޚުދު އޭނާއަށްވެސް އެނގިވަޑައިގަންނަވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އޭގެ އިތުރުން އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެ އެތެރެކުރާ މަސްތުވާތަކެތީގެ އަދަދު މަދުކުރެވިފައިވާ ކަމަށާއި އެކަން ވެފައި ވަނީ އަވަށްޓެރި އަދި އެކުވެރި ގައުމުތަކުގެ އެހީތެރިކަން ބޮޑަށް ލިބޭތީ ކަމަށެވެ.

ނަމަވެސް މި މަސައްކަތް ހުއްޓުވުމަށް ސިޔާސީ އެކިއެކި ޝިއާރުތަކުގެ ދަށުން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ.



އިމްރާންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވީ ގާނޫނު ތަންފީޒުކުރުމުގައި ހުރިހާ ރައްޔިތުންގެ މެދުގައިވެސް ހަމަހަމަކަން އޮންނަންޖެހޭ ކަމަށެވެ. އަދި ސިޔާސީ މީހުންވެސް ގާނޫނާ ހިލާފަށް ކަންކަން ކުރާނަމަ، މައްސަލަ ތަހްގީގުކޮށް ދައުވާކުރަންޖެހޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

"ވަރަށް ކެރިގެން ހަރުކަށި ފިޔަވަޅު ނާޅާނަމަ ޑްރަގް ވިޔަފާރި ދުވަހަކުވެސް ނުހުއްޓުވޭނެ." އިމްރާނަށް ރައްދު ދެއްވަމުން އުޝާމް ވިދާޅުވިއެވެ.

މަސްތުވާ ތަކެތީގެ ވިޔަފާރީގައި ސިޔާސީ މީހުން އުޅޭކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި ނަމަވެސް ސީޕީ ޙަމީދު މިއަދު ވިދާޅުވެފައިވަނީ އެކަން ހާމަކުރެވޭވަރަށް ފުލުހުންގެ ތަޙުޤީޤަށް މަޢުލޫމާތު ލިބިފައިނެތް ކަމަށެވެ.

ޑްރަގާދެކޮޅަށް ކުރާ މަސައްކަތް ހުއްޓުވުމަށް ސިޔާސީ އެކިއެކި ޝިއާރުތަކުގެ ދަށުން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިމްރާން ވިދާޅުވާ ޝިޢާރުގެ ވާހަކައަކީ ރައީސް ޔާމިން އިސްވެ ހުންނަވައިގެން ހިންގަވާ "އިންޑިއާ އައުޓް" ކެމްޕޭންގެ ޝިޢާރުގެ ވާހަކަ ކަމަށް ބެލެވެއެވެ.

ސަރުކާރުން ތުހުމަތު ކުރާގޮތުގައި އިންޑިއާ އައުޓް ކެމްޕޭނަކި އިންޑިއާގެ އަސްކަރިއްޔާގެ އެހީގައި ޑްރަގާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓުވަން ހިންގާ ކެމްޕޭނެކެވެ.



ކިޔުންތެރިންގެ ހިޔާލު