ކޯވިޑް-19 އަާއި ގުޅޮގެން ފްރަންޓް ލައިންގައި މަސައްކަތް ކުރާ ބައެއް ފުލުހުން
ކޯވިޑް-19 އަާއި ގުޅޮގެން ފްރަންޓް ލައިންގައި މަސައްކަތް ކުރާ ބައެއް ފުލުހުން
ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށި ފަހުން އައިސޮލޭޝަނަށް ދިޔަ 391 ފުލުހަކު އެނބުރި ޚިދުމަތަށް ނިކުމެފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

"ރާއްޖެޓީވީ" އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑް ފެތުރެން ފެށިފަހުން އައިސޮލޭޝަންއަށް ލީ 680 ފުލުހުން ކަމަށެވެ. އޭގެތެރެއިން 14 ދުވަސް ހަމަ ކުރުމަށް ފަހު 391 ފުލުހަކު އަލުން ހިދުމަތާ މިހާރު ގުޅިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ޖުމްލަ 23 ފުލުހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ސީޕީ ހަމީދު ވަނީ ދާދިފަހުން އިއުލާން ކުރައްވާފައެވެ. ރޭ ސީޕީ ވިދާޅުވީ ޕޮޒިޓިވްވި ފުލުހުންގެ އަދަދަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. ސީޕީ ވިދާޅުވީ ކަރަންޓީން ކުރި އެއްވެސް ފުލުހަކު ކޮވިޑަށް ޕޮޒިޓިވް ނުވާ ކަމަށެވެ.

ކޯވިޑް-19 އަށް 23 ފުލުހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ސީޕީ ހާމަކުރެއް ވީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އެދުވަހު ސީޕީ ވިދާޅުވީ ކޯވިޑް-19 ގެ ސަބަބުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވީ ނަމަވެސް، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ. އަދި މިކަމުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މަދުވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަށް 1،216 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު 104 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅު ވެފައެވެ. އަދި މިބަލީގައި މިހާތަނަށް ރާއްޖެއިން ހަތަރު މީހަކު ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން