ށ. ކޮމަންޑޫގައި ބަލިމީހުން އުފުލާނެ އެމްބިއުލާންސެއް ނެތް ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވުމުން ސޯޝަލް މީޑިއާގައި އެކަމަނާ ހޫނުފެނަށް ވެއްޓިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮމަންޑޫ ހެލްތު ސެންޓަރުގައި ބޭނުންކުރަމުންދާ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ މިހާރުވަނީ ދެހަފުތާ ވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ފޯރި ގަދަވެފައިވަނިކޮށް ދުންޔާ މިއަދު ވިދާޅުވީ ކޮމަންޑޫގައި ބަލިމީހުން އުފުލާނެ އެމްބިއުލާންސެއް ނެތް ކަމަށާއި އެރަށުގައި ބަލިމީހުން އުފުލުމަށް ބޭނުން ކުރަމުން ގެންދަނީ ރަށު ޕިކަޕެއް ކަމަށެވެ. އަދި އެއީ އެ ދާއިރާގެ ރައްޔިތުންނަށް ޙައްޤު މިންވަރުތޯ ދުންޔާ ވަނީ ސުވާލު އުފައްދަވާފައެވެ.



ކޮމަންޑޫގައި އޮތް އެންބިއުލާންސް ހަލާކުވެފައިވާތީ އެކަމުގެ ކަންބޮޑުވުން ދުންޔާ ފާޅުކުރެއްވުމުން ބައެއް ފަރާތްތަކުން ވަނީ ދުންޔާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެފައިވަނީ ރައްޔިތުން ޙާލުގައި އުޅޭ މަންޒަރު ކުރިން ބެއްލެވިނަމަ ވަރަށް ގިނަ މަންޒަރު ދުންޔާއަށް ފެނިވަޑައިގަންނަވާނެ ކަމަށެވެ.

"ރަށެއްގަ ކުކުޅެއް ހާލެއް އިނިއްޔާ ވެދުމަށް ގެންގޮސް ގޭގަ ކަށްކައިގެން ކެއި ހަނދާން ހުރިނަމަ!" ދުންޔާ އަށް ނިސްބަތް ކުރަށްވާ ރީކޯ މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ ދުންޔާގެ ބައްޕާފުޅުގެ 30 އަހަރުގެ ވެރިކަމުގައި ރަށްރަށުގައި ބަލިމީހުން ގެންދާނެ ސިއްޙީ މަރުކަޒެއްވެސް ނެތް ކަމަށެވެ.

މޫސަގެ އިތުރުން ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި ބައެއް ފަރާތްތަކުން ވަނީ ދުންޔާ މީގެ ކުރިން މަސައްކަތް ކުރެއްވި ސަރުކާރުތަކުން ރަށްރަށުގެ ސިއްޙީ ނިޒާމް ރަނގަޅު ކުރުމަށް މަސައްކަތް ނުކުރެއްވީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. އަދި ދުންޔާއަށް ރަށްފުށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު މީގެ ކުރިން އެނގިވަޑައި ނުގެންނެވުމަކީ ދެރަ ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

"30 އަހަރު ވެރިކަން ކުރެއްވީ ބައްޕާފުޅު. ދުންޔާ އަކީ ރައީސް ވަޙީދުގެ ސަރުކާރުގެ އިސް ފަރާތެއް. ރައީސް ޔާމީން ސަރުކާރުގެ ފޮރިން މިނިސްޓަރ. ކީއްވެތޯ އެ ސަރުކާރުތަކުން އެކަންކަން ޙައްލު ނުކުރެއްވީ." ސޯޝަލް މީޑިއާގައި ދުންޔާއަށް ރައްދުދިން ފަރާތަކުން ބުނެފައިވެއެވެ.



ކޮމަންޑޫގައި އެމްބިއުލާންސް ނެތުމުގެ މައްސަލަ ފެންމަތިވެފައިވާއިރު މިއަހަރު ނިމެންވާއިރަށް 60 އެމްބިއުލާންސް ސިއްހީ ޚިދުމަތަށް ނެރުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އަދި ބައެއް ރަށްރަށަށް މިހާރުވަނީ އަލަށް ގެނައި އެމްބިއުލާންސް ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު