މާލެއިން އަތޮޅުތެރެއަށް ދަތުރުކުރާ ފެރީ ލޯންޗެއް
މާލެއިން އަތޮޅުތެރެއަށް ދަތުރުކުރާ ފެރީ ލޯންޗެއް
ކުރިޔަށް އޮތް ދެ ދުވަހު ރަށްރަށަށް ދަތުރު ކުރާނަމަ ކަންތައް ކުރަން ޖެހޭ ގޮތް އެޗްޕީއޭއިން އާއްމުކޮށްފިއެވެ.

އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކުރިޔަށް އޮތް 2 ދުވަސް ތެރޭގައި މާލެއިން ރަށްރަށަށް ދަތުރު ކުރަން ޖެހޭ ފަރާތްތަކަށް ދެ ގޮތެއް އެބައޮތް ކަމަށެވެ.

ފުރަތަމަ ގޮތަކީ، މާލެއިން ސާމްޕަލެއް ނެގުމަށްފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީންގައި ހުރުމެވެ. ދެވަނަ ގޮތަކީ، ރަށަށް ދަތުރުކޮށް، ރަށުން ސާމްޕަލް ނަގާ ޓެސްޓްކުރުމަށްފަހު، ޓެސްޓް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރުމެވެ.



މާލޭ ސަރަޙައްދުގައި ކޮވިޑް ފެތުރޭ ނިސްބަތް އިތުރުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނެއްގައި މިއަދު ބުނެފައިވަނީ މާދަމާއިން ފެށިގެން މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރު ކުރެވޭނީ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ކަމަށެވެ. އެކަމާ ގުޅިގެން އަތޮޅުތެރެއަށް ދަތުރުކުރުމަށް ބޭނުންވާ ގިނަ ފަރާތްތަކަކުން ވަނީ ޕީސީއާރު ޓެސްޓް ހެދުމަށް ސޯޝަލް ސެންޓަރާއި ސެނެހިޔާ ހޮސްޕިޓަލް ކައިރީގައި ކިއޫ ހަދާފައެވެ.

އެޗްޕީއޭއިން ބުނީ މިރެއާއި މާދަމާ ރޭ، ސޯޝަލް ސެންޓަރުގެ ސާމްޕަލް ކަލެކްޝަން ސެންޓަރު 7:30 އިން 9:30 އަށް ހުޅުވާފައި ހުންނާނެ ކަމަށެވެ.

މިއަދު އުސޫލަށް ގެނައި ބަދަލާއެކު ދެން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ވެސް ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކުއެވެ. އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްނަމަ، 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އަދި ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީ.ސީ.އާރ ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށާއި މީގެތެރޭގައި މިފަދަ މީހުންނާ އެކުގައި ދަތުރުކުރަންޖެހޭ ވެކްސިން ނުޖެހޭ ޢުމުރުގެ ކުޑަކުދިން ނުހިމެނޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭގެ އުސޫލުތައް ހަރުކަށިކޮށްފައިވާއިރު މިއަދު އެކަނިވެސް ރާއްޖެއިން 384 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން