ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު
ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު
ދަޢުލަތުން ބަދަލުދޭއިރު ތަފްސީލް އޮޑިޓެއް ހަދަންޖެހޭނެ ކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

އޮޑިޓް ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އިސްމާއިލް ޒަރިޔަންދު މިމޭރުމުން ވިދާޅުވެފައިވަނީ ނާދީ ހުރި ބިމާއި އޯޑިއޯން ހުރި ބިން އިންޑިއާގެ ޓާޓާ ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. ޒަރިޔަންދު ވިދާޅުވީ ޓެކްސް ދައްކަނީ ރައްޔިތުން ކަމަށް ވީހިނދު، ޓެކްސް ފައިސާއިން ދޭ ބަދަލުގެ ތަފްސީލީ އޮޑިޓެއް ރައްޔިތުންނަށް ފެންނަން އޮންނަންވާނެ ކަމަށެވެ.

"ދައުލަތުގެ މުދަލާއި ފައިސާއިން އެކިފަރާތްތަކަށް ބަދަލުދިނުމަށް ސަރުކާރުން ނިންމުމުގެ ކުރިން، އެ ބަދަލެއް ދޭންޖެހޭ ސަބަބާއި ތަފްސީލު އެނގޭ އޮޑިޓެއް އޮޑިޓް އޮފީސް މެދުވެރިކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަކީ މުހިންމުކަމެއް، ޓެކްސްދައްކަނީ ރައްޔިތުން." ޒަރިޔަންދު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ނާދީ ހުރި ބިމާއި އޯޑިއޯން ހުރި ބިމާއި ޅ. އަތޮޅު ޅޮއްސަލަފުށި ޓާޓާ ކުންފުންޏަށް ދީފައިވަނީ ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ސޯޝަލް ހައުސިންގ ފްލެޓު އަޅަން ޝަރުތުކޮށްފައެވެ. އެފްލެޓްތައް އެޅުމުގައިވެސް ތަފާތު މައްސަލަތައް މެދުވެރިވެ އެތައް ފަހަރެއްގެ މަތިން އެއްބަސްވުމަށް ވެސް ވަނީ ބަދަލުތައް ގެނަސްފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ނާދީ އާއި އޯޑިއޯން ބިން އަތުލީ އެ ބިންތަކުގައި މަސައްކަތް ފެށުމަށް ދީފައިވާ މުއްދަތުގައި ޓާޓާ ކުންފުނިން މަސައްކަތް ނުފެށުމުންނެވެ. ޓާޓާއިން އޭރު ނިންމާފައި އޮތީ އެ ދެ ބިމުގައި ލަގްޒަރީ ފްލެޓްތަކެއް އެޅުމަށެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސަރުކާރުން ވަނީ ނާދީ ބިމާއި އޯޑިއޯން ބިން އަދި ޅ. އަތޮޅު ޅޮއްސަލަފުށި ވެސް އަލުން ޓާޓާ ކުންފުންޏަށް ދޭން ނިންމާފައެވެ. އަދި މިކަމާއި ގުޅޭ އެއްބަސްވުމުގައި މިމަހުގެ ތެރޭގައި ސޮއިކުރާނެކަމަށްވެސް މައުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު