މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލަރ އަހުމަދު ޒަމީރު
މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލަރ އަހުމަދު ޒަމީރު
ބާޖަމާލުއްދީން ހުރި ބިމަކީ ސިޓީކައުންސިލުން ޕާކެއް އެޅުމަށް ނިންމާފައިވާ ސަރަޙައްދެއް ކަމަށް ބުނެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނިންމައިފިއެވެ.

އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ހިންގަމުންދިޔަ ޢިމާރާތުގައި ރެނދުލައި އެޢިމާރާތުގެ ރައްކާތެރިކަން ކުޑަވުމާ ގުޅިގެން އެ މައްސަލައިގެ ދާއިމީ ޙައްލަކަށް މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތަނަވަސް އައު އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ބާޖަމާލުއްދީން ހުރި ބިމުގެ މައްސަލާގައި ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމަށް މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލަރ އަހުމަދު ޒަމީރު މިއަދު ވަނީ ޤަރާރެއް ހުށައަޅުއްވާފައެވެ. އެ ޤަރާރުގައި ވަނީ ކައުންސިލްގެ އިހުތިސާސްގައިވާ ބިންތަކުގެ ބޭނުން ކުރަންވާނީ ރައްޔިތުންނާ މަޝްވަރާ ކޮށްގެން ކަމަށް ގާނޫނު ބުނާ އިރު، ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި ޕާކެއް އަޅަން އެ ދާއިރާގެ ރައްޔިތުން އެދިފައިވާ ކަމަށެވެ. އަދި ކައުންސިލުންވެސް އެގޮތަށް ފާސްކޮށްފައިވާ ކަމަށް ޤަރާރުގައި ވެއެވެ.

މިއަދުގެ ޖަލްސާގައި އެ ޤަރާރަށް ބަހުސް ކުރެއްވުމަށްފަހު ކައުންސިލުން ނިންމާފައިވަނީ ޢަރަބިއްޔާ ސްކޫލް ޢިމާރާތް ކުރުމަށް ބާޖަމާލުއްދީން ހުރިބިން ދިނުމަށް ރައީސް ޞާލިޙް ނިންމަވާފައިވާ ނިންމެވުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށެވެ. އަދި އެ މައްސަލަ ރައްޔިތުން އެދޭ ގޮތަކަށް ނިންމުމަށްވެސް ކައުންސިލުން ވަނީ ނިންމަވާފައެވެ.

އެގޮތަށް ފާސްކުރުމާ ގުޅިގެން އަންނަ ހަފުތާގެ އަންގާރަ ނުވަތަ ބުދަ ދުވަހުގެ ރެއަށް އެ ބައްދަލުވުން އިންތިޒާމު ކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް މިއަދު އެންގެވިއެވެ.

2011 ވަނަ އަހަރުގެ ތެރޭގައި އިމާރާތްކުރި ޢަރަބިއްޔާގެ އާ އިމާރާތް ބޭނުންކުރަންފެށީ 2013 ވަނަ އަހަރުއެވެ. ނަމަވެސް އެ އިމާރާތުގެ ބޮޑު ބައިގައި ވަނީ ރެނދު ލައިފައެވެ. އެމަައްސަލައިގައި އަރަބިއްޔާގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބުނީ ރައީސް ޞާލިޙާއެކު ބޭއްވި ބައްދަލުވުމަށް ފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން