ރާއްޖޭގެ މަރުކަޒީ ބޭންކް- މާލީ ވަޒީރު ވިދާޅުވަނީ މިއަހަރު ބޭރުފައިސާގެ ދަތިކަމެއް ނާންނާނެ ކަމަށް
ރާއްޖޭގެ މަރުކަޒީ ބޭންކް- މާލީ ވަޒީރު ވިދާޅުވަނީ މިއަހަރު ބޭރުފައިސާގެ ދަތިކަމެއް ނާންނާނެ ކަމަށް
މިއަހަރު ރާއްޖެއަށް ބޭރު ފައިސާގެ ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގައި ފޮރިން ކަރަންސީގެ ދައްޗެއް ނެތްކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ ދައްޗެއް އަންނާނެކަމަށް ނުބެލެވޭކަމަށެވެ.

"އަޅުގަނޑުމެންނަށް އިތުރު ޔަގީންކަމެއް އެބަލިބޭ ފޮރިން ކަރަންސީގެ ދައްޗެއް މިއަހަރު ތެރޭގައި ނުވާނެ ކަމަށް." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިހާރުވެސް ގްރޮސް ރިޒާވްގައި 800 މިލިއަނެއްހާ ޑޮލަރު އެބަހުރިކަމަށާއި ޔޫސަބްލް ރިޒާވްގައި 231 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.

ކުރިޔަށް އޮތްތަނުގައިވެސް މަސައްކަތް ކުރަމުން ގެންދާނީ ފޮރިން ކަރަންސީގެ ދައްޗެއް ނުވާނެ ގޮތަކަށް ކަމަށްވެސް އަމީރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އިޤްތިޞާދަށް އެތެރެވާ ބޭރު ފައިސާގެ ބޮޑު އިންސައްތައަކީ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބޭ ޑޮލަރުގެ އާމްދަނީ ކަމަށްވާއިރު، ކޯވިޑް-19 އާއި ގުޅިގެން، އިޤްތިޞާދަށް އެތެރެވާ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. އެކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ މިއަންނަ ޖުލައި މަހު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރ ހުޅުވާލުމަށް ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން