ރާއްޖޭގައި ކޯވިޑަށް ޓެސްޓް ކުރުން | ރަސް ފޮޓޯ: ޝާޙް
ރާއްޖޭގައި ކޯވިޑަށް ޓެސްޓް ކުރުން | ރަސް ފޮޓޯ: ޝާޙް
ކޯވިިިޑް-19 ގެ ޙާލަތު ގޯސްވެ ރާއްޖެއަށް ރަތް އެލަރޓް ނެރެފިއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރާއްޖޭގެ ކޯވިޑް-19 ގެ ތަފާސްހިސާބު ރޭ އިޢުލާނު ކޮށްފައިވަނީ ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި އޮތްކަން އަންގާ "ރެޑް އެލާޓް"ގައެވެ. ރެޑްއެލާޓް ނެރެނީ މުޖުތަމަޢުގެ ތެރޭގައި ބަލި ޖެހުނު މީހަކާ ގުޅުމެއް އޮތްކަން ނޭނގި އެހެން މީހުންނަށް ބަލި ޖެހެން ފެށުމުންނެވެ. ރާއްޖެއިން އިއްޔެ 1420 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މީގެ ކުރިން ރާއްޖޭގެ ހާލަތު އޮތީ އޮރެންޖު އެލާޓުގައެވެ. އެއީ ބަލި ޖެހޭ މީހާގެ ފަރާތުން އެހެން މީހުންނަށް ބަލިފެތުރުމުގެ ފުރުސަތު ބޮޑުވެ، އެއްސަރަހައްދުން އަނެއް ސަރަހައްދަށް ބަލި ފެތުރުމުގެ ނުރައްކާ އޮތުމުން ނެރޭ އެލާޓެކެވެ.

ރާއްޖޭގައި ކޯވިޑް-19 ގެ ރަތްއެލާޓް އިޢުލާނުކޮށްފައިވާއިރު ރާއްޖޭގެ އަތޮޅުތެރޭގެ ރަށްރަށުން ކޯވިޑް-19ގެ އޮމިކްރޮން ވޭރިއަންޓް މިހާރު ފެނިފައިވާ ކަމަށާއި އޭގެތެރޭގައި ދިވެހިންވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. އޮމިކްރޮން ވޭރިއަންޓް ފެނުނު ރަށްރަށުގެ ތެރޭގައި މާލޭގެ އިތުރުން މާފުއްޓާއި، ކުޑަހުވަދޫ ހިމެނެއެވެ.

މިހާތަނަށް އޮމިކްރޮން ވޭރިއަންޓް ޖެހިފައިވާ 8 ދިވެހިން ފާހަގަވެފައިވާއިރު ރާއްޖެއަށް ޒިޔާރަތް ކުރި 19 ފަތުރުވެރިއްގެ ގައިންވެސް މި ވޭރިއަންޓު ވަނީ ފެނިފައެވެ. އޮމިކްރޮން އުޅޭ ގައުމުތަކުގެ ތަޖުރިބާއިން 1 ދުވަހާއި 3 ދުވަސްތެރޭ ކޭސްތައް ޑަބަލްވާކަން ފާހަގަވެފައިވާ ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

އެޗްޕީއޭއިން ރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 105،001 އަށް އަރާފައެވެ. އަދި އިއްޔެ އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 6،993 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން