މާލޭ ސިޓީ ކައުންސިލުގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަޙްމަދު ޒަމީރު
މާލޭ ސިޓީ ކައުންސިލުގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަޙްމަދު ޒަމީރު
ށ. ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅައިލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ މާލޭސިޓީ ކައުންސިލްގެ ބަޖެޓުން 7 މިލިއަން ރުފިޔާ އުނިކުރުމަށްފަހު ކަމަށް މާލޭ ސިޓީ ކައުންސިލުގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަޙްމަދު ޒަމީރު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ސިޓީ ކައުންސިލްގެ 36 ވަނަ ރަސްމީ ޢާންމު ބައްދަލުވުމުގައި ކައުންސިލަރ ޒަމީރު ވިދާޅުވީ ސިޓީ ކައުންސިލް މެދުވެރިކޮށް ރައްޔިތަކަށް ކަމެއްވުމަށް ސަރުކާރުން ބޭނުމެއްނުވާ ކަމަށެވެ. ނަމަވެސް ސަރުކާރުން އެގޮތަށް ޢަމަލުކުރުމުން ޙަޤީޤަތުގައި ޖެއްސުން ކުރެވެނީ މާލޭގެ ރައްޔިތުންނަށް ކަމަށް ޒަމީރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ސިޓީ ކައުންސިލަށް އާމްދަނީ ލިބެންހުރި ޓީޖެޓީއާއި, ނޯތު ހާބަރު ނުދިނުމަށް ނިންމާފައި ކަމަށާއި, ކައުންސިލްގެ ބަޖެޓުން 7 މިލިއަން ރުފިޔާ އުނިކުރުމަށްފަހު, ދެކޮމަންޑޫ ގުޅައިލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ބަލައި ނުގަނެވޭނެ ކަމަށް ޒަމީރު މިއަދު ވިދާޅުވިއެވެ.

"ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ 65 ގޮނޑި ލިބިފަ އޮތްއިރު އެންމެ ގޮނޑިއެއްގެ ބޭނުމުގައި އަޅުގަނޑުމެން މާލޭސިޓީގެ ރައްޔިތުންގެ ޢިމާރާތުގެ ބަޖެޓުން 7 މިލިއަން ރުފިޔާ އުނިކޮށްފައި ދެ ކޮމަންޑޫ ގުޅުވައިލަން އެ ކުރާ ޚަރަދު އަޅުގަނޑުމެންނަކަށް ބަލައެއް ނުގަނެވޭ." ޒަމީރު މިއަދު ވިދާޅުވިއެވެ.

އަންނަމަހުގެ 5 ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ގުޅުވައިގެން ސަރުކާރުން ވަނީ އެދާއިރާގެ ގިނަ ޕްރޮޖެކްޓްތަކެއް އިޢުލާނުކޮށްފައެވެ. އޭގެ ތެރޭގައި ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތްވެސް ހިމެނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މިއީ 249.9 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ.

އިންތިޚާބާ ދިމާކޮށް ހިންގާ މަޝްރޫޢުތަކަކީ ނުފޫޒު ފޯރުވުމުގެ ޢަމަލުތަކެއް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނި ނަމަވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ މެނިފެސްޓޯގައި ހިމެނޭ ކަމެއްނަމަ އެކަމެއް މި ދުވަސްވަރުވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދެކެވެ.



ކިޔުންތެރިންގެ ހިޔާލު