ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު
ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު
ށ. ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ނުދިނުމަށް ސަރުކާރު ހިންގާ ކޯލިޝަންގެ ޢަދާލަތު ޕާޓީގެ މެންބަރު ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.

ޢަލީ ޒައިދު މި މޭރުމުން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ކެނޑިޑޭޓު ރާޝިދުގެ ކެމްޕޭނުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ޝައިޚް ޒައިދު މިއަދު ވިދާޅުވީ ތަޢުލީމީ ވުޒާރާއިން ތަންފީޒުކުރަން އުޅެނީ އެމްޑީއެންގެ ރިޕޯޓްކަމަށެވެ. އަދި މޫނު ބުރުގާ މައްސަލަފަދަ ދީނާ ގުޅުންހުރި އެކިއެކި މައްސަލަތަކުގައި އެޑިއުކޭޝަނުން ގެންގުޅޭ ދެކޮޅު ނުޖެހޭ ތަފާތުކުރުންތައް ހައްދުފަހަނައަޅާގޮސްފައިވާ ކަމަށް ޒައިދު ވިދާޅުވިއެވެ.

"ކޮމަންޑޫ ދާއިރާ އެމްޑީޕީއަށް ނުދޭން އެ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އިލްތިމާސްކުރަމެވެ." ޝައިޚް ޒައިދު ވިދާޅުވެފައިވެއެވެ.



ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވަކި ކެންޑިޑޭޓަކަށް ތާޢީދު ކުރަން މިހާތަނަށް ނިންމާފައިނުވާ ކަމަށް ޢަދާލަތު ޕާޓީން ވަނީ ބުނެފައެވެ. އެޕާޓީން ބުނެފައިވަނީ އިންތިޚާބުގައި ތާޢީދު ކުރާނެ ކެނޑިޑޭޓެއް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ. އޭގެފަހުން އެކަމާބެހޭގޮތުން ވާހަކަދައްކާފައެއް ނުވެއެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް ރައީސް ޞާލިޙާއި ސަރުކާރުގެ ވެރިން އެ ދާއިރާއަށް ވަޑައިގެންފައިވާއިރު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް މި ހަފްތާގައި ކޮމަންޑޫ ދާއިރާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންވެސް ވަނީ އެ ދާއިރާގައި ކެމްޕެއިންގައި ހަރަކާތްތެރިވެ ވަޑައިގަންނަވާފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަމަހުގެ 5 ވަނަ ދުވަހު އޮންނައިރު އެ އިންތިހާބުގައި އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު