ކުރީީީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު
ކުރީީީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު
އިރާދަކުރެއްވިއްޔާ ދެން ރައީސް ޔާމިން ޖަލަށް ނުލެވޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިމޭރުމުން ވިދާޅުވެފައިވަނީ ރައީީސްްް ޔާމީން މަސައްކަތް ކުރަށްވަނީ އަނބުރާ ޖަލަށް ދާން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ޖަލަށްލާނެކަމުގެ އިންޒާރު ސަރުކާރުން ދެނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާވަރުގެ ހިތްވަރުހުރި ކެންޑިޑޭޓެއް އެމްޑީޕީގައި ނެތުމުން ކަމަށެވެ. ހިތްވަރު ހުރިނަމަ ރިޔާސީ ރޭހުގައި ރައީސް ޔާމީންއާއެކު ވާދަކުރާނެ މީހަކު ދެއްކުމަށްވެސް އާދަމް ޝަރީފް ގޮވާލައްވާފައިވެއެވެ.

"އިރާދަކުރެއްވިއްޔާ ދެނެއް ރައީސް ޔާމިން ޖަލަކަށް ނުލެވޭނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަށްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ޝިއްޕެ ވިދާޅުވީ "އިންޑިއާ އައުޓް" ޝިއާރުގައި ރައީސް ޔާމީން ކެމްޕޭން ކުރެއްވިޔަސް އެމަނިކުފާނަށް އޮތް އިޚްތިޔާރަކީ "އިން" ވުން ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތަކީ އިންޑިއާގެ ރައްޔިތުންނާ ދިވެހި ރައްޔިތުންނާ ޖެއްސުމަށް ހިންގާ ހަރަކާތެއްކަން ފާހަގަކުރައްވައި ޝިއްޕެ ވިދާޅުވީ އެމްޑީޕީ މި ސަރުކާރުގައި އޮވެ އެކަމަށް ޖާގަދިނުމަށް އެމްޑީޕީގެ މެންބަރުން ބޭނުންނުވާ ކަމަށެވެ.

"އެހެންވީމާ މި ދެންނެވެނީ "އައުޓެއް" ނުވެވޭނޭ. ވާންޖެހޭނީ "އިން". ޔާމީން ޖެހޭނީ އަލުން އަނބުރާ އޮތްތަނަށް ރުޖޫޢަވާން. އެތެރެއަށް ދާންޖެހޭނީ." ރޭގެ ޖަލްސާގައި ޝިއްޕެ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު