ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ސަރުކާރުން ފެށި މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތަށް ރ. އަތޮޅު ކައުންސިލުން ހުއްދަ ނުނަގައި އެ އަތޮޅުން ވެލި ނަގަން ފަށާފައިވާ ކަމަށް އަތޮޅު ކައުންސިލުން ބުނެފިއެވެ.

މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ހައުސިންގ މިނިސްޓްރީން އޮތީ ރ. އަތޮޅު ކައުންސިލްގައި ހުއްދައަށް އެދިފައެވެ. ނަމަވެސް ކައުންސިލުން ހުއްދަ ނުދެނީސް ރ. އުނގުފާރު ކައިރިން ވެލި ނަގަން ފަށާފައިވާކަމަށް ރ. އަތޮޅު ކައުންސިލުން ބުނެއެވެ.

ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ވިދާޅުވީ ވެލި ނެގުމުގެ ހުއްދައަށް ހައުސިންގ މިނިސްޓްރީން އެދުނީ މިދިޔަ ބުރާސްފަތި ދުވަހުކަމަށެވެ.

ނަމަވެސް އެކަމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް މިއަދު ކައުންސިލް މެމްބަރުންގެ ބައްދަލުވުމެއް ބާއްވަން ހަމަޖައްސާފައިވަނިކޮށް، ކައުންސިލްގެ ހުއްދަ ނެތި މަސައްކަތުގެ ކޮންޓްރެކްޓަރ ވެލި ނަގަން ފަށާފައިވާކަމަށް ނާސިފް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްތަކާއި އަތޮޅުތަކުގެ އިހްތިސާސް ހިނގާ ތަންތަނަށް ސަރުކާރުން ބާރު ހިންގޭނީ ކައުންސިލްގެ ހުއްދައާއެކުއެވެ. ނަމަވެސް ސަރުކާރުން ބޭނުންވާ ބައެއް ކަންކަމުގައި ކައުންސިލްތަކުގެ ހުއްދަ ނެތަސް އެކަންކަން ކުރަމުން އަންނަ މަންޒަރު ފެންނަ ކަމަށް ބައެއް ކައުންސިލްތަކުން ބުނެއެވެ. މިގޮތުން ހުޅުމާލޭގެ އިހްތިސާސް ސިޓީ ކައުންސިލަށް އޮތްނަމަވެސް އެ ބާރު ދޭންވެސް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. އެމައްސަލައިގައި ދެފަރާތުން ވެސް ދައްކާނީ ގާނޫނީ ހުއްޖަތް ތަކެކެވެ. އެމައްސަލަ މިހާރު ވަނީ ކޯޓަށް ވެސް ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު