ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މިއަދަށް ތާވަލު ކުރުމަށްފަހު ކެންސަލްކޮށްފިއެވެ.

އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމެއް ނުބާއްވާތާ އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާއިރު، އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 20 އޮކްޓޯބަރު 2020 ގައެވެ. އޭގެފަހުން މިއަދަށް ތާވަލުކުރި އަޑުއެހުންވެސް ކްރިމިނަލް ކޯޓުން މިހާރުވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް އަޑުއެހުން ކެންސަލްކުރި ސަބަބެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިނަށް މަގުފަހިކޮށް ދިނުމުގެ ދައުވާއެވެ. އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ވެރިކަމުގައި ހުންނަވައިގެން މަނީލޯންޑަރ ކުރެއްވި ކަމުގެ ކުށް ދަށުކޯޓާއި ހައިކޯޓުގައި ސާބިތުވި ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ އެކައުންޓަށް ޖަމާވި އެއްމިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އާޒިމާ ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ބުނާ މައްސަލައިގައެވެ.

އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތް ކުރަށްވައި، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ. އާޒިމާގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.

އެ މައްސަލާގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި އާޒިމާ ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އޭނާއަށް ދަޢުވާ އުފުލާފައިވަނީ ފުރިހަމަ ނުވާ ތަހުޤީގެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެގޮތުން ޢާޒިމާގެ ފަރާތުންވަނީ ދިފާއުގެ ގޮތުގައި ގިނަ ހުށަހެޅުންތައް ހުށައަޅުއްވާފައެވެ. އޭގެ އިތުރުން އާޒިމާ ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ދައުވާތައް ފުރިހަމައަށް ތަހްގީގު ކޮށްފައިނުވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މި ދެ ދައުވާގައިވެސް އޭނާ އާއި އެއްހަމައެއްގައި އަމަލު ކޮށްފައިވާ އެއްވެސް މީހަކާ މިހާތަަނަށް އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށާއި އަދި އެމީހުންގެ މައްޗަށް އެއްވެސް ދައުވާއެއްވެސް ކޮށްފައިނުވާ ކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާއި އޭނާއާއި ގުޅެނީ ކިހިނަކުންކަން ސާފު ނޫން ކަމަށް އެދުވަހުގެ އަޑުއެހުމުގައި އާޒިމާ ފާހަގަކުރެއްވިއެވެ.

އާޒިމާގެ ގާނޫނީ ވަކީލް އެދުވަހު ވިދާޅުވެފައިވަނީ، މީގެ ކުރިން މި މައްސަލަ ކުރިޔަށް ގެންގޮސްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި އޭރު މައްސަލަ ކުރިޔަށް ގެންދިޔައިރު ކުރާ ތުހުމަތަކީ ކޮބައިކަން ސާފުކޮށްދީފައި ނުވާކަމަށާއި ދައުލަތުން އާޒިމާގެ މައްޗަށް ތުހުމަތުތަކެއް ކުރާއިރު މި ތުހުމަތުތައް ބިނާވަނީ ކޮން އަސާސެއްގެ މައްޗަށްކަން ސާފު ނުވާ ކަމަށް ވަކީލް ވިދާޅުވެފައިވެއެވެ.

އާޒިމާގެ ވަކީލް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން، ދައުލަތުގެ ވަކީލް ވިދާޅުވެފައިވަނީ މައްސަލައިގައި ވަކީލް ބަދަލުވާ ކޮންމެ ވަގުތަކު ޖިނާއީ އިޖުރާއަތުގެ ގާނޫނު އަލުން ހިންގަން ނުޖެހޭ ކަމަށެވެ. އަދި އެކަމަށް އާޒިމާ އިއުތިރާޒު ކުރެއްވުމުން ދައުލަތުން ވަނީ އެއްވެސް ގޮތަކަށް ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާއި ހިލާފުވަނީ ނޫންކަން ފާހަގަކުރަށްވާފައެވެ. އެހެން ނަމަވެސް ވަކީލު ބަދަލުވާ ކޮންމެ ވަގުތަކީ، އިޖުރާއަތުތައް އަލުން ފަށައިގެން ކުރިޔަށް ގެންދަން ޖެހޭ ސަބަބެއް ނޫން ކަމަށް ދައުލަތުން ތަކުރާރު ކުރެއްވިއެވެ.

އެދުވަހުގެ އަޑުއެހުމުގައި މިމައްސަލަ ބައްލަވާ ގާޟީ ޙަސަން ސަޢީދު ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވާފައިވަނީ ދަޢުލަތުން ބޭނުންވާ ހުށަހެޅުންތައް ލިއުމުން ހުށަހަޅަން ފުރުސަތު ދެއްވުމަށް ފަހުއެވެ.

މަނީ ލޯންޑަރިންނާއި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އާޒިމާގެ މައްޗަށް، މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އުފުލާފައިވާ އިރު އެ މައްސަލަ ސާބިތުވެއްޖެ ނަމަ 50،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އޭނާ ޖޫރިމަނާކުރާާނެއެވެ. ނުވަތަ ދެ އަހަރާއި 10 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އިއްވާނެއެވެ.

ގާނޫނުލް އުގޫބާތުގެ 521 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މައުލުމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް އުފުލާފައިވާ އިރު އެ މައްސަލައިގައި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހެވެ. އެ މައްސަލަ ސާބިތުވެއްޖެ ނަމަ އަންނާނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން