ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްޢަދު ޢަލީ (އަޑުބަރޭ)
ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްޢަދު ޢަލީ (އަޑުބަރޭ)
ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމުން އަސްޢަދު ޢަލީ (އަޑުބަރޭ) ވަކިކޮށްފިއެވެ.

އަޑުބަރޭ މަގާމުން ވަކިކޮށްފައިވަނީ، ކްރިމިނަލް ކޯޓުން އަޑުބަރޭ 15 ދުވަހަށް ޖަލަށް ލުމަށް މީގެ ކުޑައިރުކޮޅެއް ކުރިން ހުކުމް ކުރުމާއި ގުޅިގެންނެވެ. އަޑުބަރޭ މަގާމުން ވަކި ކުރި އިރު އޭނާ މިވަގުތު ހުރީ ރަސްމީ ދަތުރެއްގައި ށ. އަތޮޅުގައެވެ.

އަޑުބަރޭ 15 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. އޭނާގެ މައްޗަށް ހުކުމް ކުރިތާ ކުޑަ އިރުކޮޅެއް ތެރޭ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އޭނާ މަގާމުން ވަކިކުރަށްވާފައެވެ. އަޑުބަރޭ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.

މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މަޤާމުން ވަކިކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ތިން ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ހާޒިރު ނުވެއްޖެނަމަ އޭނާގެ މައްޗަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އަށް ފިޔަވަޅު އަޅާނެކަމަށް ކޯޓުން މީގެ ކުރިން ވަނީ ބުނެފައެވެ. އެގޮތުން ކޯޓުން މިއަދު ވަނީ އަސްހަދު އަލީ 15 ދުވަހަށް ޖަލަށްލުމަށް ޙުކުމް ކޮށްފައެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ އަލީ ވަޙީދު އަނބުރާ ރާއްޖެ ގެނައުމަށް އައްސަދު ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން މިއީ ކޯޓާމެދު ނުބައި ތަސައްވުރެއް އުފެއްދުންކަމަށާއި އަދި އަދުލު އިންސާފަށް ހުރަސް އެޅުންކަމަށްވެސް ގާޒީ ހަސަން ސަޢީދު ވިދާޅުވިއެވެ.

އޭގެ އިތުރުން މިއަދުގެ އަޑުއެހުމަށް އައްސަދުވެސް ހާޒިރުވެފައިނުވާތީ ގާޒީ ޙަސަން ސައީދު ވަނީ އައްސަދު ޖާމިނުވުމުގެ އިޤްރާރާ ޚިލާފުވެ، ކޯޓުގެ ޙުރުމަތް ކެނޑުމަށް ކޮށްފައިވާ ކަންކަމަށް ރިއާޔަތް ކޮށް އޭނާ 15 ދުވަހަށް ޖަލަށް ލުމަށް މިއަދު ޙުކުމް ކޮށްފައެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ގޮސްފައެވެ. އަލީ ވަހީދު ފިލުމުގެ އިހުތިމާލު އޮތުމުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އޭރު އެ އަމުރު ނެެރެފައިވަނީ އަލީ ވަހީދުގެ މައްސަލައަށް އޭނާގެ ގާތް އެކުވެރިޔާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ޖާމިނުވާން އެއްބަސްވުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު