ރާއްޖޭގެ ރީތި ރިސޯޓެއް؛ ރާއްޖެ މިހާރުދަނީ އަލުން ފަތުރުވެރިކަމަށް ހުޅުވާލަން ތައްޔާރުވަމުން
ރާއްޖޭގެ ރީތި ރިސޯޓެއް؛ ރާއްޖެ މިހާރުދަނީ އަލުން ފަތުރުވެރިކަމަށް ހުޅުވާލަން ތައްޔާރުވަމުން
ރާއްޖޭގެ ގެސްޓްހައުސްތައް ފަތުރުވެރިންނަށް ހުޅުވާލާނީ މިއަހަރުގެ އޮގަސްޓްމަހުގެ ތެރޭގައިކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ އިން އިންތިޒާމްކޮށްގެން ބޭއްވި ދަ އިމްޕެކްޓް އޮފް ކޯވިޑް-19 އޮން އިންޓަރނޭޝަނަލް ޓޫރިޒަމް ވެބިނަރގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ދަނީ ނިއު ނޯމަލް ގައި ފަތުރުވެރިކަން ހުޅުވާލުމަށް ތައްޔާރުވަމުން ކަމަށެވެ. އެގޮތުން ރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ދަށް ކުރެވިފައިވާކަމަށާއި އަދި ރާއްޖެ ޖުލައިމަހު ފަތުރުވެރިކަމަށް ހުޅުވާލުމަށް މިހާރު ތައްޔާރުވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން ޖުލައިމަހުން ފެށިގެން އޮކްޓޫބަރުމަހަށް ކުރިއަށްދަނީ މިކަމުގެ ފުރަތަމަ ފިޔަވަހި ކަމަށާއި، ފުރަތަމަ ފިޔަވަހީގައި ރާއްޖެ ފަތުރުވެރިންނަށް ހުޅުވާލައި، ރިސޯޓްތަކާއި ސަފާރީތަކުގައި ފަތުރުވެރިންނަށް ޗުއްޓީ ހޭދަކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ޖުލައިމަހު ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރެވޭނެ، ރިސޯޓްތަކާއި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރެވޭނެ، ހާލަތަށް ބަލައި އޮގަސްޓްމަހުގެ ތެރޭގައި ރާއްޖޭގެ ގެސްޓްހައުސްތައް ފަތުރުވެރިންނަށް ހުޅުވާލާނަން." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލާއިރު އެއަރޕޯޓުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަވާނެ ކަމަށާއި، ރާއްޖެ އަންނަ ފަތުރުވެރިން އަތުގައި ކޯވިޑް-19އަށް ޓެސްޓުކޮށް އޭގެ ނަތީޖާ އޮންނަންވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއަރޕޯޓުންވެސް ފަތުރުވެރިން ކޯވިޑަށް ޗެކްކުރާނެ ކަމަށް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އެއްމަސްދުވަހަށް ވުރެ ގިނަ ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ބޭނުންވާނަމަ އެ ފުރުސަތުވެސް ފަހިކޮށްދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން