އެމްޑީީޕީީ ޕީޖީ ބައެއް މެންބަރުން
އެމްޑީީޕީީ ޕީޖީ ބައެއް މެންބަރުން
އިންޑިއާ އައުޓް ގޮވާ މީހުންނަށް ޖަލުހުކުމް އަންނަގޮތަށް ފަރުމާކޮށްފައިވާ ބިލް މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފިއެވެ.

ދިވެހިރާއްޖެއިން ބޭރު ގައުމުތަކާއެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލެއް ފަރުމާކޮށްފައިވަނީ އެމްޑީޕީގެ މަޖިލީސް މެންބަރުންނެވެ. އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ޙަރަކާތް ހުއްޓުވުމަށް ޓާގެޓްކޮށްގެން ފަރުމާކޮށްފައިވާ މިބިލު ފާސްކޮށްފައިވަނީ މިއަދު ބޭއްވި އެމްޑީޕީގެ ޕީޖީ ބައްދަލުވުމުގައެވެ.

މި ބިލުގެ ބޭނުމަކީ ބޭރު ގައުމުތަކާއެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާއެކު އެކުލަވާލާފައިވާ އެއްބަސްވުންތަކަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުން ކަމަށް ބިލުގެ ޑްރާފްޓްގައިވެއެވެ. އެގޮތުން ޤާނޫނީ ހަމަތަކުގެ މަތިން ޤައުމުތަކާއެކު ޤާއިމްކޮށްފައިވާ ގުޅުންތަކަށް ބުރޫއަރާ ގޮތަށް ދިވެހި ރައްޔިތުންގެ ނަމުގައި ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން މުޒާހަރާކުރުމާއި ސިޔާސީ ހަރަކާތް ހިންގުން ވަނީ މަނާކޮށްފައެވެ.

އެފަދަ ޢަމަލެއްކުރާ މީހުންނަށް ލިބޭ އަދަބުތަކުގެ ގޮތުގައި ޖޫރިމަނާ ކުރުމާއި ގޭގައި ބަންދު ކުރުމާއި ޖަލު އަދަބު ދިނުން ހިމެނެއެވެ. މި ބިލަށް ކުރިއަށްއޮތް ތަނުގައި އިތުރު ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެއެވެ.

ޖުމްލަ 9 މާއްދާގެ މައްޗަށް އެކުލަވާލާފައިވާ މި ބިލު ޤާނޫނަކަށް ވުމުން ހަދަންޖެހޭ ޤަވާއިދުތައް ތިންމަސް ދުވަހުގެ ތެރޭގައި ހެދުމަށް މަތިކޮށްފައިވަނީ ޚާރިޖީ ވަޒީރަށެވެ.



ކިޔުންތެރިންގެ ހިޔާލު


10

ވަޙީދު

16-Feb-2022

އަންނި ހޭބަލިވިޔަސް އަހަރެމެން މިތިބީ ބަލަން.