ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަޙްލޫފް
ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަޙްލޫފް
ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަޙްލޫފާއި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކެއް ދަޢުލަތުން ހެއްކަށް ބާރުދޭ ކަންތައްތަކުގެ ގޮތުގައި ކޯޓަށް ހުށައަޅައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ރިޝްވަތުގެ ދައުވާ މަހުލޫފުގެ މައްޗަށް އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ މަޙްލޫފުގެ ޝަރީޢަތުގައި މަޙްލޫފްވަނީ ދަޢުވާއަށް އިންކާރުކޮށްފައެވެ. މަޙްލޫފް ދަޢުވާއަށް އިންކާރުކުރުމުން ދައުލަތުން ވަނީ ޝަފަހީ 6 ހެއްކަކާއި ކިތާބީ 24 ހެއްކެއް ހުށައަޅާފައެވެ. އަދި މަޙްލޫފުގެ ފަރާތުން ޝަފަހީ 1 ހެއްކަކާއި، ކިތާބީ 4 ހެއްކެއް ވަނީ ހުށައަޅާފައެވެ.

މަޙްލޫފްގެ ފަރާތުން މިއަދު ވަނީ އޭނާއާ ދެކޮޅަށް ޝަފަހީ ހެއްކެއްގެ ގޮތުގައި ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބުގެ ހެކިބަސް ދަޢުލަތުން ހުށައަޅާފައިވާތީ ކުށުގެ އުންސުރު ސާބިތުކުރުމަށް އަދީބުގެ ހެކިބަސް ބޭނުން ނުކުރެވޭނެކަމަށް ރައީސް ޔާމީންގެ މައްސަލާގައި ސުޕްރީމްކޯޓުން ކޮށްފައިވާ ޙުކުމާ ޙަވާލާދީ ކޯޓުގައި ބުނެފައެވެ.

ނަމަވެސް ދަޢުލަތުން ވަނީ މަޙްލޫފު "ޕްލީޒް އެރޭންޖް އިޓް އޮން ސަންޑޭ" (އާދިއްތަ ދުވަހު އޭތި ލިބޭނެ ގޮތް ހަމަޖައްސައިދީ) އޭ ވިދާޅުވެ އަދީބަށް މެސެޖެއް ކޮށްފައިވާއިރު، އެތާރީޚުގައި 33000 ޑޮލަރުގެ ޗެކް މަޙްލޫފަށް ޖަމާވެފައިވާކަމަށް ބުނެފައެވެ. އަދި ޗެކް ޖަމާވުމާއެކު މަހުލޫފް "ތޭންކްސް ބްރޯ" އޭ ބުނެ މެސެޖް ކޮށްފައިވާ ކަމަށާއި، މިއީ ހައްތަހާވެސް އަދީބުގެ ބަޔާނަށް ބާރު ލިބިދޭ ކަންކަން ކަމަށް ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.

ދިފާޢުގައި މަޙުލޫފުގެ ފަރާތުން ބުނެފައިވަނީ އެފަދަ މެސެޖެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެސްއޯއެފުން އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގަައި ޖަމާކޮށްފައިވާ ފައިސާ ކަމަށް މަޙުލޫފުގެ ފަރާތުން މިއަދުވެސް ވަނީ ބުނެފައެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ ދެންއޮންނަ އަޑުއެހުމެއްގައި މިދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެކަމާމެދު ގޮތެއް ނިންމަވާނެކަމަށެވެ.

މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އޭސީސީން މީގެ ކުރިން ބުނެފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު، އޭނާގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ސެޕްޓެމްބަރު 1، 2014 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ. އެމައްސަލާގައި ހެކި ހޯދުމާއި މައްސަލައިގެ ތަހުގީގުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ މައްސަލަތަކެއް މަޙްލޫފްގެ ފަރާތުންވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ޗެއިން އޮފް ކަސްޓަޑީއެއްނެތް ޗެޓްލޮގެއްގެ އެނެލެސިސް ހެދި ކަމަށް ބުނާ ފޮރެންސިކު ކުންފުންޏެއްގެ ހެކިބަސް ހޯދަން އަމަލުކުރި ގޮތާއި ސްރީލަންކާގެ ރައްޔިތެއްގެ ބަޔާން އެ ގައުމުގެ ގާނޫނުތަކާއި އަދި ރާއްޖޭގެ ގާނޫނުތަކާވެސް ހިލާފަށް ނެގުން ފަދަ މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާ ކޯޓުގައި ކުރިއަށްދާއިރު އަދިވެސް އޭނާއާއި މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށްވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


2

އެކޮއި

16-Feb-2022

އެމްއެންޕީގެ ޚިޔާނާތުގަ ހަމައެކަނި ދައުވާކުރަނީ ރައީސްޔާމީނާ މިސަރުކާރުގެ ޔޫތުމިނިސްޓަޢަހުމަދު މަހުލޫފުއާ މިދޭބޭފުޅުން އެކަނި ދައުލަތުގެ ފައާއިން ޚިޔާނަތްތެރިވީ