ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދޭ ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ބޭންކ އޮފް މޯލްޑިވްސް އިން ބުނީ މި ސްކޮލާޝިޕަކީ މިއަހަރުގެ ނޮވެމްބަރު މަހު ފާހަގަކުރާ އެކުންފުނީގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ހަރަކާތް ކަމަށެވެ.

ސްކޮލާޝިޕްގެ ދަށުން ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން ފައިނޭންޝަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް އަދި ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލިޓިކްސް ނުވަތަ ފައިނޭންޝަލް އިންޖިނިއަރިންގެ ދާއިރާއަކުން އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެދި ހުށަހެޅިދާނެއެވެ.

މި ކޯސްތަކުގެ ހުރިހާ ހަރަދެއް ކުރާނީ ބީއެމްއެލްއިންނެވެ. އެގޮތުން ސްކޮލާޝިޕްއަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމަންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދުވެސް އެބޭންކުން ހަމަޖައްސައިދޭނެއެވެ.

ދިވެހިންގެ ބޭންކުން ބުނީ މި ސްކޮލާޝިޕްތަކުގެ ބޭނުމަކީ ފައިނޭންޝިއަލް ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުން ކަމަށެވެ. އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ފަސް މާއްދާއިން ފާސްވެފައިވާ ފަރާތްތައް ނުވަތަ އޯ ލެވެލްގެ އަށް މާއްދާއިން ފާސްވެފައިވާ ފަރާތްތަކަށް މި ފަންޑަށް އެދި ހުށަހޭނެއެވެ.

ބޭންކުން އެދިފައިވަނީ ސްކޮލާޝިޕްގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު ބޭންކަށް މެއިލްކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން