ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު
ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު
އޭސީސީ މެންބަރުކަމަށް ކުރިން ކުރި އިއުލާނު ބާތިލުކޮށް އަލުން އިއުލާނުކުރުމުން ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު އެމަޤާމަށް ކުރިމަތި ނުލައްވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިކަމާގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ އޭސީސީގެ މެންބަރު ކަމަށް ކުރިން ކޮށްފައިވާ އިޢުލާނު ބާތިލުކޮށް އަލުން ހުޅުވައިލި ފުރުޞަތުގައި، ކުރީން ނަން ހުށައެޅުއްވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއް ފިޔަވައި އެހެން ހުރިހާ ބޭފުޅުން ފޯމު ހުށަހެޅުއްވި ކަމަށެވެ. އަދި އެގޮތަށް އަލުން ހުޅުވާލާފައިވަނީ އެކަށީގެންވާ ޢަދަދަށް މަޤާމަށް ކުރިމަތިލައްވާފައި ނުވާތީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

"އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2022 ޖަނަވަރީ 5 ގައި ހުޅުވައިލި ފުރުޞަތުގެ މުއްދަތު، 2022 ޖަނަވަރީ 31 ވީ ހޯމަ ދުވަހުގެ މެންދުރު 12:30 ގެ ނިޔަލަށް އިތުރު ކުރައްވާފައި ވަނީ، އެކަށީގެންވާ އަދަދަކަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވުމުގެ ސަބަބުން ވީހާވެސް ގިނަ އަދަދެއްގެ ބޭފުޅުންނަށް އެ މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން." މަބްރޫކް ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި ޒަރިޔަންދު ވިދާޅުވެފައިވަނީ އޭސީސީގެ މެންބަރުކަމަށް އޭނާ ކުރިމަތިލެއްވީ ޤާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ. އަދި މަޖިލީހަށް ރައީސް އޮފީހުން ފޮނުވި ލިސްޓުން އޭނާގެ ނަން އުނިކުރުމުގެ ސަބަބުން ހައްގެއް ގެއްލިފައިވާތި އެ މައްސަލަ އިލްތިމާސްކުރުމުގެ ހައްގު އޭނާއަށް އޮންނާނެކަމަށް ވަކީލުން ލަފާދެއްވާފައިވާ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދު ވިދާޅުވީ އޭނާ އޭސީސީގެ މެންބަރުކަމަށް ކުރިމަތިލެއްވީ އެ ކޮމިޝަނުގެ ކުރީގެ މެންބަރު އަލީ އަޝްރަފު މަޤާމުން އިސްތިއުފާދެއްވުމުން ކަމަށާއި، އެއިރު ހުށަހެޅުއްވި ފޯމުތަކަކީ ތިން މަސް ދުވަހުގެ މުއްދަތު ހިމެނޭ ޤާނޫނީ ފޯމުތަކެއް ކަމަށެވެ. އަދި ފަހުން ކުރިން ކުރި ދެ އިއުލާނު ބާތިލުކޮށް އަލުން ރައީސް އޮފީހުން އިއުލާނެއް ކުރިނަމަވެސް އެ އިއުލާނުގައި ޤާނޫނީ ފޯމުތަކާއި އިޤުރާރު ބާތިލުކުރިކަން ބަޔާންކޮށްފައިނުވާ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދު އިތުރަށް ފާހަގަކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރަކު ގުޅުއްވައި އޭނާ ހުށަހެޅުއްވި ޤާނޫނީ ލިޔުންތައް ބާތިލުވެފައިވާކަން އެނގެން ނެތް ކަމަށް ދަންނަވާފައިވާ ކަމަށެވެ. އެމައްސަލަ ޒަރިޔަންދު ވަނީ ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


-2

ތަކަތުވާ

02-Mar-2022

ތިޔަކަމުންވާނެ ކަމެއް ނޯންނާނެ. އެއީ ގަސްދުގަ އެމީހުން ކުރި ކަމެއް ރައީސް އޮފީހާ މަޖްލިސް އަކީ އެކައްޗެއް ދެތަނުގަވެސް އެމްޑީޕީ