މާލޭސިޓީގެ މޭޔަރ ޑރ. މުޢިއްޒު އާއި ރައީސް ޞާލިޙް
މާލޭސިޓީގެ މޭޔަރ ޑރ. މުޢިއްޒު އާއި ރައީސް ޞާލިޙް
މާލޭ ރައްޔިތުންނަށް ހުޅުމާލެއިން ހިލޭ ގޯތި ދޫކުރުމަށް އެދި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ބޯހިޔާވަހިކަމުގައި މާލޭގެ ރަށްޔިތުންނަށް އޮތް ދައްޗާ ތަކުލީފު ވަނީ އޭގެ ލާ ނިހާޔަތުގައި ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ކުރެވުނު ކަންތަކަށްވުރެ ގިނަ ވާހަކަ ދެއްކޭކަމުގެ އިޙްސާސް އަބަދުވެސް ކުރެވޭކަމަށާއި މިދައުރު ނިމުމުގެ ކުރިން މާލޭ ރައްޔިތުންނަށް ގޯތި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މޭޔަރު މުޢިއްޒު މިއަދު ވިދާޅުވީ ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް 1000 ގޯތި ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާކަމަށް މީޑިއާއިން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެއީ ހަގީގަތެއްކަމުގައި ވާނަމަ، ރާއްޖޭގެ އެހެން ރައްޔިތުންނަށްވެސް ހިލޭ ގޯތި ދެއްވާފަދައިން އެ ގޯތިތަށް މާލޭގެ ރައްޔިތުންނަށް ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް ސިޓީއަކުން ދަންނަވާފައިވާނެކަމަށެވެ.



ރައީސް ޞާލިޙް ވިދާޅުވެފައިވަނީ މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ނިންމަވާފައިވާ ކަމަށާއި އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި، ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދޭނެ ކަމަށެވެ. އަދި މިމަސައްކަތް މިއަހަރު ޖޫންގައި ފަށާނެކަމަށާއި އޭގެއިތުރަށް ގިރާވަރު ފަޅު ހިއްކާ އެބިމުންވެސް މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެފަތް ދިނުމަށްފަހު. ދިވެހިދައުލަތުގެ ހިޔާވަހި ކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ. ބޭނުންވަނީ އެކުގާ އެއްއަމާޒެއްގާ ތިބެ އެމަންޒިލަށް ވާޞިލްވުން." ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު