ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު (ވ)
ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު (ވ)
އޭނާގެ މައްޗަށް ދަޢުވާކޮށްފައިވަނީ ފްރޭމްކޮށްގެން ކަމަށާއި ނުޙައްޤުންދޭ އަނިޔާގެ ބަދަލު ހޯދާނެކަމަށް ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު މިއަދު ވިދާޅުވެއްޖެއެވެ.

މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މަޤާމުން ވަކިކޮށްފައިވާ ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން މިއަދުވަނީ ބުނެފައެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ޢަލީ ވަޙީދު މިއަދު ވިދާޅުވީ ބޭއިންސާފުގެ ކުރިމަތީ އަމާންނުދޭނެ ކަމަށާއި އަނިޔާވެރިކަމުގެ ކުރިމަތީ ކުޑަކަކޫނުޖަހާނެ ކަމަށެވެ. އަދި ޙައްޤަށް ނަސްރު ލިބޭނެ ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.

"ފްރޭމް ފަޅާއަރާ ނުޙައްޤުންދޭ އަނިޔާގެ ބަދަލުވެސް ހޯދާނަން. އަޅުގަނޑުގެ މައުސޫމްކަން ދުނިޔެއަށް ސާބިތުކޮށްދޭނަން. ސަރުކާރާ ދެކޮޅަށް ހުރިހުރުން ގުޑުވާނުލެވޭނެ." ޢަލީ ވަޙީދު ވިދާޅުވެފައިވެއެވެ.



އަލީ ވަހީދު ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ. އަދި އިންޓަޕޯލް ވެބްސައިޓްގައިވެސް ޢަލީ ވަޙީދުގެ މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

ކުޅިވަރާބެހޭ ވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު ޢަލީ ޖާމިނުކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގައެވެ. ނަމަވެސް ކޯޓުން ބޭސްފަރުވާއަށް ދިން 4 މަސްހަމަވެ އަލީވަހީދު ރާއްޖެ ނައުމުން އެ މައްސަލާގައި ޖާމިނުވި އަސްއަދު ޢަލީ މިހާރު ހުންނެވީ ޖަލު ބަންދުގައެވެ.

ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަލީ ވަޙީދަށް އެ ކޯޓުން އެންގުމުން ކޯޓަށް ހާޒިރުވެވަޑައިނުގެންނެވި މައްސަލާގައި އެ ކޯޓުން ނިންމާފައިވާ ނިންމުމާ ހަވާލާދީ ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ދެން އަލީ ވަޙީދު ކޯޓަށް ހާޒިރުކުރާނީ ފުލުހުން މެދުވެރިކޮށް ބަންދުކޮށްގެން ކަމަށެވެ. އަދި ޢަލީ ވަޙީދު ރާއްޖެ ގެނައުމަށް އިންޓަރޕޯލް ރެޑްނޯޓިސް ނެރުމަށް ބޭނުންވާ އިނގިރޭސި އަމުރުވެސް ކޯޓުން ވަނީ ނެރެފައެވެ.

އަލީ ވަހީދު އިނގިރޭސިވިލާތުގައި އުޅުއްވާއިރު، އޭނާއާ ދެކޮޅަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް އޭނާ ރާއްޖެ އައިސްފައި ނުވާތީ އެމައްސަލަތައް ކުރިއަށްގެންދެވޭ ގޮތެއް ނުވެއެވެ. މި މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވާން އަލީ ވަހީދަށް ޗިޓު ފޮނުވުމުން ހާޒިރުވެފައި ނުވާތީ މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ އޭނާ އެ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި 2 މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން