މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޛީރު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޛީރު
އިސްލާމްދީނާއި, ދިވެހިވަންތަ ސާދާ އުޅުން ހެދިބޮޑުވަމުން އަންނަ ޖީލަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ކިބައިގައި އޮތް ޒިންމާއެއްކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޛީރު ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގައި ރޭ ބޭއްވި މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ނަޛީރު ވިދާޅުވީ ކާބަފައިން އެބޭފުޅުންގެ ފުރާނައާއި ލެއިން ޤުރުބާންވެގެން މިއަދުގެ ޖީލަށް ވާރުތަކޮށްފައިމިވާ އިސްލާމްދީނާއި, ދިވެހިވަންތަ ސާދާ އުޅުން ހެދިބޮޑުވަމުން އަންނަ ޖީލަށް ފޯރުކޮށްދިނުމަކީ މިޖީލުގެ ކިބައިގައި އޮތް ޒިންމާއެއްކަމަށެވެ.

ނަޛީރު ވިދާޅުވީ އެކަމަށް ބޮޑު ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިއްމުކަމެއްކަމަށާއި, އެއީ ހަމައެކަނި ސްކޫލްތަކުގެ ޒިންމާއެއްކަމުގައި ނުދެކި ބެލެނިވެރިންވެސް އެކަންކަމާމެދު ފުންކޮށް ވިސްނުމަށް އެދިވަޑައިގަންނަވާކަމަށެވެ. ޤައުމީ ފެންވަރުގައި ފާހަގަކުރާ މިކަހަލަ ހަރަކާތްތައް އަބަދު މާލޭގައި ފާހަގަކުރުމުގެ ބަދަލުގައި މުޅިރާއްޖޭގެ އެކިހިސާބުތަކުގައި މިކަން ފާހަގަކުރުމަކީ މިސަރުކާރުން އިސްކަންދޭ މިސަރުކާރުގެ ސިޔާސަތެއްކަމަށާއި, އޭގެބޭނުމަކީ މިފަދަ ކަންކަން ދައުލަތުން ކުރިއަށްގެންދާ މަޤްޞަދު ރަނގަޅަށް ހާޞިލްކުރުންކަމަށްވެސް ނަޛީރު ވިދާޅުވިއެވެ.

"ޤައުމިއްޔަތުގެ އަސަރު މުޅި ދިވެހިރާއްޖޭގެ އެކިހިސާބުތަކުގައި ދިރުވާ އާލާކުރުމަށް ބާރުއެޅުން. މިފަދަ ދުވަސްތައް ސަރުކާރުން ބޮޑު ޚަރަދުކޮށްގެން މިފާހަގަކުރަނީ ކަމެއްކުރާކަން އެންމެނަށްވެސް ބުނެދީ އަންގައިދިނުމަށް." ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ވިދާޅުވިއެވެ.

ފުވައްމުލަކު ބަހުރުވައިން ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ވިދާޅުވީ ފުވައްމުލައް ސިޓީގައި ހިންގި ހަރަކާތްތަކުގެ ތެރެއިން އެނގުނީ ދިވެހި ތާރީޚާއި, ޘަޤާފަތާއި, ދިވެހި ޤައުމިއްޔަތު އިލްމީ މައުލޫމާތުގެ ގޮތުން ނުވަތަ ތަފާތު އެކިއެކި ހުނަރު މެދުވެރިކޮށްގެން ފާޅުކޮށް ދިރުވާއާލާ ކުރުމަކީ ފުވައްމުލަކުގެ ޒުވާނުންނާއި, ސްކޫލްތަކުގެ ދަރިވަރުން ވަރަށް ބޮޑަށް ބޭނުންވެފައި ތިބިކަމެއްކަންކަމަށެވެ.

"އެހެންވީމާ މިފަދަ ފުރުޞަތުތައް އިތުރުކުރަންޖެހޭ. ގިނަކުރަންޖެހޭ. އަޅުގަނޑު ސަރުކާރުގެ ފަރާތުން ސިޓީ ކައުންސިލާއި, މިރަށު ސްކޫލްތަކާއި އެހެން މުއައްސަސާތަށް ދެވެންއޮތް އެންމެ ބޮޑު އެއްބާރުލުމެއް ދޭނަން." ނަޛީރު ވިދާޅުވިއެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީއާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ހިންގި ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލުމަށް ސިޓީގެ މޭޔަރު އިސްމާއީލް ރަފީޤާއި, ކައުންސިލް މެންބަރުންނާއި, ކައުންސިލްގެ މުވައްޒަފުންނާއި, އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި, ސްކޫލްތަކާއި, ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން