މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަޙްމަދު ސަލީމް
މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަޙްމަދު ސަލީމް
މުޅި ދައުލަތް ކޮރަޕްޝަންގެ ބޮޑު ހާއްޔަކަށް ވެއްޖެ ކަމަށް އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށައެޅި ރިޔާސީ ބަޔާނުގެ ޖަވާބުގައި ބުނެފިއެވެ.

ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރިޔާސީ ބަޔާނަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 32 ވަނަ މާއްދާގެ (ށ)ގެ ދަށުން ޖަވާބު ދިނުމަކީ މަޖިލީހުން މައިނޯރިޓީ ޕާޓީން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެކެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާނަށް ޖަވާބުދެއްވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަޙްމަދު ސަލީމް ވިދާޅުވީ މިސަރުކާރާމެދު ރައްޔިތުންގެ އިތުބާރުވަނީ ގެއްލިފައި ކަމަށެވެ. އޭގެއިތުރުން މުޅި ދައުލަތް ކޮރަޕްޝަންގެ ބޮޑު ހާއްޔަކަށް ވެއްޖެ ކަމަށާއި ރައްޔިތުންނަށް ކުރިމަތިވެފައިވަނީ ނިކަމެތިކަމާއި ހާސްކަން ކަމަށް ސަލީމް ވިދާޅުވިއެވެ.

"ރައްޔިތުންމިވަނީ މާޔޫސްވެފައި. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްކަމަށް ވިދާޅުވެ މުޅި ދައުލަތް ކޮރަޕްޝަންގެ ބޮޑު ހާއްޔަކަށްވަނީ ވެފައި. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ދަނީ ދަށަށް. ވަޢުދުވި ތަނަވަސްކަމެއް ރައްޔިތުންގެ ޖީބަށް ނުވަދެ އިތުރަށް ކުރިމަތިވާނީ ނިކަމެތިކަމާއި ހާސްކަން." ސަލީމް މިއަދު ވިދާޅުވިއެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން މަޖިލީހުގައި އިއްވި ރިޔާސީ ބަޔާނުގެ ޖަވާން ނިންމާލަމުން ބުނެފައިވަނީ މާތްވެގެންވާ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދެވޭފަދަ އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން އެދޭފަދަ އައު ސަރުކާރެއް އެކުލަވައިލުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން އިސްތިޢުފާ ދެއްވުމަށް ގޮވާލާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު