މާލޭގެ މަގެއްގެ މަތި، ތޮއްޖެހިފައި
މާލޭގެ މަގެއްގެ މަތި، ތޮއްޖެހިފައި
ކޯވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެގޮތުން ކުރިއަށްއޮތްތަނުގައި މަގުމަތިން ޓެކްސީ ނުނެގޭ ގޮތަށް އެޗްޕީއޭއިން ނިންމައިފިއެވެ.

ނޭޝަނަލް އިމްޖެންސީ އޮޕަރޭޝަން ސެންޓަރުން އިޢުލާނު ކޮށްފައިވާ ނިއުނޯމަލްގައި ޓެކްސީ ދަތުރުތައް ކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި މަގުމަތިން ޓެކްސީ ނުނެގޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުންވެސް ޓެކްސީ ކުރުމާއި، ޓެކްސީ ދަތުރުކުރުމުގައި ސަމާލުވާންވީ ގިނަ ކަންތައްތަކެއް އެންއީއޯސީން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ފަސިންޖަރުންނާއި ޑްރައިވަރުވެސް މާސްކް އެޅުމާއި، ފަސިންޖަރުންނަށް ހަމައެކަނި ފަހަތު ސީޓުގައި ތިބެވޭގޮތަށް ހެދުމާއި، ޑްރައިވަރުގެ ސީޓާއި ފަހަތު ސީޓާ ދެމެދު ޕާޓިޝަނެއް ޖެހުން ހިމެނެއެވެ. ހަމައެއާއެކު އޮންލައިންކޮށް ލާރި ދެއްކޭގޮތަށް ހަމަޖެއްސުމާއި، ޓެކްސީގެ ދޮރުތަކުގެ ބިއްލޫރިތައް ތިރިކޮށްފައި ބެހެއްޓުމާއި، މަގުމަތިން ޓެކްސީ ނުނެގޭގޮތަށް ވެސް ވަނީ ހަމަޖައްސާފަވެއެވެ.

މީގެ އިތުރުން ދަތުރު ނަގަންވާނީ ސެންޓަރަށް ގުޅައިގެން ނޫނީ އެކަމަށް ކަނޑައެޅިފައިވާ އެޕް މެދުވެރިކޮށް ކަމަށާއި، ދެ ދަތުރު އެއްކޮއްލައިގެން ނޫނީ ކަސްޓަމަރަކު އިންދާ އެހެން ކަސްޓަމަރަކު އަރުވައިގެން ދަތުރު ނުކުރެވޭނެ ކަމަށް އަންގާފައިވާއިރު ފަސިންޖަރުންގެ ލޮގެއް ބޭއްވުން ނޫނީ އަރާ ފަސިންޖަރުންގެ މައުލޫމާތު އެނގޭނެ ގޮތަށް އޮންނަން ޖެހޭނެ ކަމަށް ވެސް އަ އުސޫލުގައި ވެއެވެ.

އަދި ޓެކްސީ ދުއްވާ މީހުންނާއި، ދަތުރުކުރާ އެންމެންވެސް ޓްރޭސްއެކީ އެޕްލިކޭޝަން އަޅައިގެން އެ އެޕްލިކޭޝަން ބޭނުންކުރަންވާނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ވަނީ 2 ހަފްތާ ފަހުން ހުރިހާ ޓެކްސީތަކަށް ދަތުރުކުރުމުގެ ހުއްދަ ދޭނެކަމަށާއި އެގޮތަށް ހުއްދަދެވޭނީވެސް މި ކަންކަމަށް އަމަލުކުރާ ފަރާތްތަކަށް ކަމަށް ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން