ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ
ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ
ވަކި މީހެއް އިސްތިސްނާ ނުކޮށް ޤާނޫނު ހިންގަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބު ރައީސް ޑރ.ވމުޙައްމަދު ޖަމީލް އަޙްމަދު މިމޭރުމުން މިއަދު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ "ކިންގްސް ފޮރެކްސް ޓްރޭޑުން" ސްކޭމެއް ހިންގާކަމުގެ ތުހުމަތު ރާއްޖޭގެ މާލީ އިދާރާތަކުން ކޮށްފައިވާކަމަށް އަލްހާންވެސް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ހިންގާ ސްކީމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މަރުކަޒީ ބޭންކުން ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، ފޭސް ބުކާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކީމެއްގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިިބިފައިވާކަމަށެވެ.

އެކަމާ ގުޅިގެން އަލްހާން ވިދާޅުވީ ރާއްޖޭގައި ބޮޑު ފްރައުޑެއް ހިންގާކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސް އިން ފްރީޒްކުރީ އޭނާގެ ކުންފުނީގެ އެކައުންޓް ކަމަށެވެ. އަދި އެ މައްސަލާގައި ދަޢުވާކުރާނެ ކަމަށްވެސް އަލްހާން ވަނީ ވިދާޅުވެފައެވެ.

އެ މައްސަލާގައި ކުރީގެ ނާއިބުރައީސް ޑރ. ޖަމީލް ވިދާޅުވީ ވަކި މީހެއް އިސްތިސްނާ ނުކޮށް ޤާނޫނު ހިންގަންޖެހޭ ކަމަށެވެ. އަދި މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ޑރ. ޖަމީލް ވަނީ ގޮވާލައްވާފައެވެ.

"ބޮޑު ފްރޯޑް ސްކީމާ ދެކޮޅަށް އެމްއެމްއޭއިން ފިޔަވަޅު އެޅިއިރު އެންމެ މުހިންމީ އާންމުން ސަލާމަތްކުރަން ކުށްކުރި ބައެއް ހާމަކުރުން. ފުލުހުންވެސް މިކަމުގެ ޖިނާޢީ ތަޙްޤީޤް ކުރާކަން ހާމަކުރަންޖެހޭ. ފިޔަވަޅު އަޅަން ގޮންޖެހުން ހުރީބާ؟" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި "ކިންގްސް ފޮރެކްސް ޓްރޭޑުން" ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސުން ފޯނުންގުޅާ އެކުންފުނީގެ އެކައުންޓް ފްރީޒް ކޮށްފައިވާ ކަމަށެވެ. އަދި އެކަމާގުޅިގެން ބޭންކާ ދެކޮޅަށް ދަޢުވާކުރާނެ ކަމަށާއި އެ ކުންފުނީގައި އިންވެސްޓް ކޮށްފައިވާ ފަރާތްތަކަށް ޙައްލު ހޯދައިދެވޭނެ ގޮތްތައް ހޯދަމުންދާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު