ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް
ކްރިމިނަލް ކޯޓަށް އޮންލައިންކޮށް މައްސަލަތައް ހުށަހެޅުމުން, މައްސަލަތައް ބަލައިގަންނަން ފަށައިފި އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އިއްޔެއަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ވަރަށް ތާރީޚީ ދުވަހެއް ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް، ކްރިމިނަލް ކޯޓަށް، އޮންލައިންކޮށް މައްސަލައެއް ހުށަހަޅައި، އެމައްސަލަ އެކޯޓުން ބަލައިގަތީ އިއްޔެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އޭނާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާ ޙަވާލުވީއްސުރެ، ޓެކްނޮލޮޖީއަށް އިންވެސްޓްކޮށްގެން، އޮޓަމޭޓް ކުރުމަށް ބާރުއަޅައި، އިންސާނުން ކުރަންޖެހޭ މަސައްކަތްތައް މަދުކުރެވޭތޯ މަސައްކަތްކުރެއްވި ކަމަށެވެ.

"މިއަށް އިންވެސްޓްމަންޓެކޭ މިކިޔަނީ، މީގެ ފޮނިމީރުކަން މިވަގުތު ނުލިބުނަސް، ފަހުން ލިބެން އޮތް މަންފާ ބޮޑުކަމުންނެވެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާ މައްސަލަތައް، އޮންލައިން ޕޯޓަލަކަށް އަޕްލޯޑު ކުރުމުން، އެލިޔުންތައް ޑައުންލޯޑް ކުރެވޭ ނިޒާމު ޤާއިމު ކުރެވިފައިވާކަމަށެވެ. އަދި ޑާޓާ އެންޓްރީގެ މަސައްކަތް މަދު ކުރެވިފައިވާކަމަށެވެ.

"ޕީޖީ އޮފީހުގައި އޮންނާނީ ފުލުހުން (ނުވަތަ ތަޙްޤީޤީ އެހެންވެސް އިދާރާއަކުން) ފޮނުއްވާ މައްސަލައެކެވެ. އެމައްސައެއްގައި، އެއިދާރާއަކުން އެންޓަރ ކުރައްވާ މަޢުލޫމާތު، އޭގެ ޒާތުގައި ޕީޖީ އޮފީހުގެ ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރގެ ތެރެއަށް ނެގުމުން، ޕީޖީ އޮފީހުގެ މުވައްޒަފަކު، ނަމާއި އެޑްރެސްތައް އެންޓަރ ކުރަން އިންނަވާކަށް ޖެހިވަޑައެއް ނުގަންނަވައެވެ." ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ފުލުހުން މަޝްވަރާ ބޭނުންފުޅުވާ މައްސަލަތަކުގައި މަޝްވަރާކުރެވޭނެ އޮންލައިން ޕޯޓަލެއްވެސް ޤާއިމުކޮށް، އެމަސައްކަތްވެސް ކުރިއަށްދާކަމަށް ޝަމީމް ވިދާޅުވިއެވެ. އެގޮތުން މަޝްވަރާއަށް އެދި ފުލުހުން ޕޯޓަލްގައި ލިޔުއްވުމުން، އެކަމާބެހޭ މުވައްޒަފަކަށް އެސް.އެމް.އެސްއެއް ލިބިވަޑައިގަންނަވާނެ ކަމަށާއި 24 ގަޑިއިރުގެ ތެރޭގައި، ފުލުހުން އެދިވަޑައިގެންނެވި ކަމާބެހޭ މަޝްވަރާ އަރުވަންޖެހޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.



ޝަމީމް ވިދާޅުވީ ފުލުހުންނާއެކު އޮތް ފަދަ ގުޅުމެއް، ޝަރްޢީ ކޯޓުތަކާއެކުވެސް އުފެއްދޭތޯ ވަރަށް މަސައްކަތް ކުރެވިފައިވާކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިސްނެންގެވުމަކާއެކު، އޮންލައިންކޮށް މައްސަލަ ބަލައިގަތުމުގެ ކަންތައް މިހާރު ރަސްމީކުރެވިފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން