މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް (ކ)
މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް (ކ)
ހަމައެކަނި އެމްޑީޕީގެ މެންބަރުންލާ ވޯޓަކުން ރާއްޖޭގެ ރައީސްކަމެއް ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިމޭރުމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމުގައި އެންމެ ގިނަ ވޯޓް ހޯދޭ ކެންޑިޑޭޓަކީ މޮޅުވާ ކެންޑިޑޭޓް ގޮތުގައި ކަނޑައެޅުން ބޭނުން ތެރިކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ރާއްޖޭގެ ރައީސަކަށް ހުރެވޭނީ ވޯޓްލާ މީހުންގެ މެޖޯރިޓީ ލިބިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރައީސް ނަޝީދު ވިސްނަވައިގެން ނުވާނެ ހަމަ އެކަނި އެމްޑީޕީގެ މެންބަރުންލާ ވޯޓަކުން ރާއްޖޭގެ ރައީސްކަން ކުރުމަށް،" ޝަރީފް ވިދާޅުވެފައިވެއެވެ.

ޝަރީފް ވިދާޅުވީ އެންމެ ބުއްދިވެރިވާނީ ވޯޓުލާ މީހުންގެ 50 އިންސައްތައާއި އިތުރު 1 ވޯޓް ލިބޭ ވަރަށް ރައްޔިތުންގެ ތާއިދު ލިބޭތޯ ބެލުން ކަމަށެވެ.

ރައީސް ނަޝީދު އިއްޔެ ވިދާޅުވީ އަމަލު ކުރަމުން މިގެންދާ ޤާނޫނު އަސާސީގެ ދަށުން 3 ފަހަރަށް ރިޔާސީ އިންތިޚާބު ބޭއްވިއްޖެ ކަމަށެވެ. ނަމަވެސް އާންމު ހަމައެއްގެ ގޮތުގައި ފެނުނީ ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯދާ ޕާޓީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާތަންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން 2008 ވަނަ އަހަރުގައި އެންމެ ގިނަ ވޯޓް ލިބުނީ ރައީސް މަޢުމޫނު ޢަބްދުލް ޤައްޔޫމަށްކަމަށާއި، އެހެންނަމަވެސް ދެވަނަ ބުރުގައި އެހެން ހުރިހާ ޕާޓީ އަކާއި ކެންޑިޑޭޓުން ރައީސް މައުމޫނު އާއި ދެކޮޅައް ނުކުމެ، ރައީސް މައުމޫނު ބަލިކުރީކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު ފުރަތަމަ ބުރުގައި އެމަނިކުފާނަށް ލިބިވަޑައިގަތީ 25 އިންސައްތަ ކަމަށާއި ފުރުތަމަ ބުރާއި ދެވަނަ ބުރާއި ދެމެދުގައި ކުއްލިގޮތަކަށް ރާއްޖޭގެ އެތައް ރައްޔިތުންނެއް އެމަނިކުފާނާ ރުހި އެމަނިކުފާނަށް އަޣުލަބިއްޔަތު ވޯޓް ދިނީ ކަމަށް ދެކޭންވެއްޖެ ނަމަ، އެއީ ދޮގެއްގެ މައްޗަށް ދެކެވޭ ދެކުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރީގައި، 5 އިންސައްތަ ވޯޓް ހޯދުމަށްޓަކައި އެމް.ޑީ.ޕީ ވަނީ އެމީހުންގެ ސަރުކާރުގެ ކެބިނެޓްގެ 60 އިންސައްތަ ދޫކޮށްފައިކަމަށާއި 5 އިންސައްތަ ރައްޔިތުން އެދޭ ގޮތަށް ކަންކަން ގެއްދިއުމަށް 45 އިންސައްތަ ރައްޔިތުންގެ އުންމީދުތައް ފެންކޮށްލަނީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު