ރާއްޖޭގެ ރަށެއްގެ ބަނދަރުމަަތި (ރަސް ފޮޓޯ)
ރާއްޖޭގެ ރަށެއްގެ ބަނދަރުމަަތި (ރަސް ފޮޓޯ)
މޮނިޓަރިންގެ ޙާލަތު ނެތް ރަށްރަށުގައި ވެސް ޒަރޫރީ ބޭނުންތަކަށާއި ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި ނޫނީ އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގަވައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަަކައި އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށަކަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެންގި އެންގުމަށް މިއަދު ވަނީ ބަދަލު ގެނެސްފައެވެ.

މިގޮތުން ބައެއް ކަންކަމުގައި ލުއިތަކެއް ދެއްވާފައި ވީ ނަމަވެސް، މޮނިޓަރިންގެ ޙާލަތު ނެތް ރަށްރަށުގައި ޒަރޫރީ ބޭނުންތަކަށާއި ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި ނޫނީ އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އަންގަވާފައެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުމަށް ވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްވަނީ އަންގަވާފައެވެ.

އޭގެ އިތުރުން މޮނިޓަރިންގެ ޙާލަތަށް ގެނެވޭ ރަށްތަކާއި މޮނިޓަރިންގެ ޙާލަތު ނިމުމަކަށް ގެނެވިފައިވާތާ 14 ދުވަސް ވެފައިނުވާ ރަށްތައް ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ރަށެއްގައި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު، ޢާންމު ޚިދުމަތްތަކާގުޅޭ ކަންކަމާއި، އިޖުތިމާޢީ ހަރަކާތްތަކާއި އިޤްތިޞާދީ ޙަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ހުއްދައާއި، ރަށުތެރޭގެ އެއް ތަނުން އަނެއް ތަނަށް ދިޔުމުގެ ހުއްދަ ދޭން އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.

އެހެން ނަމަވެސް ރަށުތެރޭގައި އުޅޭއިރުވެސް ގައިދުރުކަން ބެހެއްޓުމަށާއި، ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއާއި ކަމާބެހޭ އެހެން އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ވަގުތެއްގައިވެސް އަމަލުކުރުމަށް އެޗްޕީއޭއިން އަންގަވާފައިވެއެވެ. އެޗްޕީއޭއިން ވަނީ މި ފިޔަވަޅުތައްތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، ރަށްރަށުގެ އެންމެހައި އިދާރާތަކަށާއި ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.

އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ރައްޔިތުންނަށް އެޗްޕީއޭއިން ވަނީ އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން