ޖުޑިޝަރީގެ މުހިންމު އިދާރާތައް ހިނގަމުންދާ ތީމުގެ އިމާރާތް (ރަސް ފޮޓޯ- ޝާހް)
ޖުޑިޝަރީގެ މުހިންމު އިދާރާތައް ހިނގަމުންދާ ތީމުގެ އިމާރާތް (ރަސް ފޮޓޯ- ޝާހް)
ކޯވިޑް-19 ގެ ބަލިމަޑުކަން ނެތް ރަށްރަށުގެ ކޯޓުތައް މާދަމާއިން ފެށިގެން ހުޅުވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމަވައިފިއެވެ.

އެ ޑިޕާޓްމަންޓުން ރާއްޖޭގެ ރަށްރަށުގެ ކޯޓުތަކަށް ފޮނުވާފައިވާ ސަރކިއުލަރއެއްގައި ބުނެފައިވަނީ، ކޯވިޑް-19 ގެ ބަލިމަޑުކަން ޢާއްމުކޮށް ފެތުރިގެން ހިނގައިދާނެ ކަމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އިޢުލާނު ކުރެވުނު ފުރަބަންދަށް މިހާރު ލުޔެއްދީފައިވާތީ، ކޯވިޑް-19 ގެ ބަލިމަޑުކަން ނެތް ރަށްރަށުގެ ކޯޓުތައް މާދަމާއިން ފެށިގެން ހުޅުވައިގެން ޚިދުމަތް ދިނުމަށް ދަންނަވާ ކަމަށެވެ.

ޑީޖޭއޭ ގެ ސަރކިއުލަރ ގައި އިތުރަށް ބުނެފައި ވަނީ، މި ފިޔަވަޅު މިގޮތަށް އަޅާފައިވަނީ، މިހާރުވެސް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައިވާތީ، ބަލި ނެތް ރަށްރަށުގައި ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ހަނި ކަމަށް ފެންނާތީ ކަމަށެވެ.

އެހެން ކަމުން މާދަމާއިން ފެށިގެން، ޢާއްމު އުސޫލުން ޚިދުމަތް ދިނުމަށްޓަކައި ހެނދުނު 8:00 އިން މެންދުރުފަހު 02:00 އަށް ކޯވިޑް-19 ފެތުރިފައި ނެތް ރަށްރަށުގެ ކޯޓުތައް ހުޅުވައި ޚިދުމަތް ދެމުން ގެންދިއުމަށް ޑީޖޭއޭ އިން ވަނީ އަންގަވާފައެވެ.

އަދި މިފަދައިން ޚިދުމަތް ދިން ނަމަވެސް، މިބަލިން ރައްކާތެރިވުމަށްޓަކައި، އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އެޅުމަށާއި، އަދި ޝަރީޢަތްތަކާއި، ކައިވެނިކޮށްދިނުންފަދަ ކަންތައްތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް އިސްކަން ދިނުމަށް ވަނީ އަންގަވާފައެވެ. ހަމަ އެއާއެކު ކޯޓުގެ އެތެރޭގެ އިންތިޒާމުތައްވެސް ތޮއްޖެހުން ކުޑަވާނޭ ގޮތަށް ހަމަޖެއްސުމަށް ޑީޖޭއޭގެ ސަރކިއުލަރގައި ވަނީ އަންގަވާފައެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ސަރުކާރު އޮފީސްތައް ބަންދު ކުރުމާއެކު ކޯޓުތައްވެސް ވަނީ ބަންދު ކޮށްފައެވެ. ނަމަވެސް ކޮންމެ ހަފްތާއަކު ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ކޯޓުތައް ހުޅުވައިގެން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން