ސަރުކާރުުގެ ގިނަ އޮފީސްތައް ހިނގަމުންދާ ވެލާނާގެ (ރަސް ފޮޓޯ- ޝާހް)
ސަރުކާރުުގެ ގިނަ އޮފީސްތައް ހިނގަމުންދާ ވެލާނާގެ (ރަސް ފޮޓޯ- ޝާހް)
މާދަމާއިން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހަފުތާއަކު ތިން ދުވަހު ސަރުކާރުގެ އިދާރާތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 11ގެ ނިޔަލަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، މި ތިން ދުވަހު ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އިދާރާތައް ހުޅުވުމަށް ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ހިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވައިނުލުމަށްވެސް ސަރުކާރުގެ އޮފީސްތަކަށް ރައީސް އޮފީހުން ވަނީ އަންގައިފައެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވަންވާނެ ކަމަށާއި އަދި ވީހައި މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ވެސް ސަރުކާރުގެ އޮފީސްތަކަށް ވަނީ އަންގައިފައެވެ. އަދި އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނި ކަމަށް އަންގާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މީގެ އިތުރުން ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ އެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަށް އެ އިދާރާއަކުން ހުށަހަޅައި، އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށާއި، އަދި މިހާރެކޭވެސް އެއްފަދައިން ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި، އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިންކޮށް ދެމުން ގެންދިއުމަށްވެސް ރައީސް އޮފީހުން ވަނީ ދަންނަވާފައެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ އިދާރާތައް ހުޅުވަން ހަމަޖެއްސި ދުވަސްތަކާއި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން އެ މަސައްކަތް ކުރުމަށް އަންގާފައިވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން