ސީރިޔާގެ ހަނގުރާމަވެރި ސަރަޙައްދުން އެނބުރިއައި ދިވެހި އާއިލާ އިދާރީ ބަންދުގައި އިތުރު 8 މަސްދުވަހު ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އެ މީހުން އިދާރީ ބަންދެއްގައި ތިބުމަށް އަމުރުކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ހަނގުރާމަވެރި ސަރަޙައްދެއްގައި އުޅުމަށްފަހު ދިވެހިރާއްޖެއަށް އެނބުރި އަންނަ ދިވެހިންނާމެދު ހާއްސަ އިޖުރާއަތަކަށް އަމަލު ކުރުމުގެ ގަވާއިދުގެ ދަށުންނެވެ. އެގޮތުން އެމީހުންގެ ބަންދަށް 8 މަސް ދުވަސް ކޯޓުންވަނީ އިތުރުކޮށްދީފައެވެ. މި މީހުން ބަންދުގައި ބައިތިއްބައް ނިންމާފައިވަނީ ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގައެވެ.

ހަނގުރާމަވެރި ސަރަޙައްދެެއްގައި ހާލުގައި ޖެހިފައި ތިބި ދިވެހި އާއިލާއެއް ރާއްޖެ ގެނައިކަން ދާޚިލީ ވުޒާރާއިން ހާމަކޮށްފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގައި އެޢާއިލާގައި ހިމެނޭ 33 އަހަރުގެ އަންހެންމީހާ ބުނެފައިވަނީ އޭނާ މީގެ 9 އަހަރުކުރިން ރާއްޖެއިން ފުރީ 2 ދަރިންނާ އެއްކޮށް ކަމަށާއި ނަމަވެސް ސީރިޔާގައި ހުއްޓައި އިތުރު ދެދަރިން ލިބިފައިވާ ކަމަށެވެ. ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އެ އަންހެންމީހާ މީގެ ކުރިން އުޅެފައިވަނީ ސީރިޔާގެ އިދްލިބްގައެވެ. ހަނގުރާމަވެރި އެ ސަރަހައްދުން އެ މީހުން ތުރުކީއަށް ގޮސް، އެގައުމުން ރާއްޖެ އައިސްފައިވާ ކަމަށް ކޯޓުގައި ވަނީ ބުނެފައެވެ.

އެ އާއިލާގެ މެންބަރުން ބަންދުކުރުމާ މެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ވެސް ކޯޓުގައި އަންހެން މީހާ ވަނީ ބުނެފައެވެ.

ހޯމް މިނިސްޓްރީން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނީ ބޭރުގެ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދިވެހި ފިރިހެނުންނާއެކު ދަތުރުކޮށްފައިވާ އެމީހުންގެ އަނބިންނާއި ކުޑަކުދިން، ހާލުގައި ޖެހިފައިވާ މީހުން ބަލަހައްޓާ ކޭމްޕުތަކާއި އެފަދަ އެހެންތަންތަނުގައި ހާލުގައި ޖެހި ފުރާނަޔަށް ނުރައްކާވާ ޙާލަތަށް ގޮސްފައިވާ ކަމުގެ ޝަކުވާ އެފަދަ ފަރާތްތައް ނިސްބަތްވާ އާއިލާތަކުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި ސަރުކާރުގެ ކަމާގުޅުންހުރި ތަފާތު އިދާރާތަކަށް ކުރަމުންދާކަމަށެވެ. އަދި މިފަދަ މައްސަލަތަކަށް އެކަށީގެންވާ ޙައްލެއް ހޯދުމަކީ ސަރުކާރުގެ ރިޔާސީ ވަޢުދަކަށް ވާތީ ވޭތުވެދިޔަ ދުވަސްތަކުގައި މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށް ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.

ހޯމް މިނިސްޓްރީން ބުނީ ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ރާއްޖެއައިސް އެއްވެސް ބާވަތެއްގެ ޖިނާޢީ ތަކުލީފެއް އުފުލުމެއްނެތި ނުވަތަ ކަމާގުޅުންހުރި ރިހެބިލިޓޭޓިވް ޕްރޮގްރާމެއްގައި ބައިވެރިނުވެ އެފަދަ ފަރާތްތައް މީގެ ކުރިން މުޖުތަމަޢަށް ދޫވެފައިވާކަން ފާހަގަކުރެވި، އެ މައްސަލަ ނިމުމަކަށް ގެނެސްފައިވާކަމަށެވެ. އަދި މިފަދަ ޙާލަތްތަކުގައި ވިކްޓިމައިޒްވާ އަންހެނުންނާއި ކުޑަކުދިންނަށް ބޭނުންވާ ދީނީ، އިޖުތިމާއީ އަދި ނަފްސާނީ ފަރުވާ ދެވޭނެހެން ޤާނޫނުތަކާއި ޤަވާޢިދުތައް އިސްލާހުކޮށް އެކަމަށް ބޭނުންވާ މަރުކަޒުތަކާއި ވަސީލަތްތައް ޤާއިމުކޮށް އެ ނިޒާމު ހިންގާނެ މީހުން ތަމްރީނުކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މިމަސައްކަތް ކުރެވިފައިވަނީ އަދި މިހާރުވެސް ކުރެވެމުންދަނީ ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކާއި، ބައިންލްއަޤުވާމީ އެހީތެރިކަމާއި ލަފަޔާއި އިރުޝާދު އެކަށީގެންވާ މިންވަރަށް ލިބިގެން، އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ ހަމަތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ ދިވެހިރައްޔިތުންގެ ތެރެއިން ބަޔަކު ރާއްޖެއިންބޭރުގައި ހާލުގައި ޖެހި ފުރާނަޔަށް ނުރައްކާވާ ދަރަޖަޔަށްގޮސްފައިވާތީ، އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިން އަނބުރާ ދިވެހިރާއްޖެއަށްގެނެސް ޒިންމާދާރު ދިވެހިންގެ ގޮތުގައި އަލުން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މަސައްކަތް ކުރެވި، އޭގެތެރެއިން ފުރަތަމަ އާއިލާ މިދިޔަ މާރޗްމަހުގެ 11 ވަނަ ދުވަހު ވަނީ ރާއްޖެއަށް ގެނެސްފައިކަމަށެވެ. އަދި މިއާއިލާގައި ހިމެނެނީ ދިވެހި އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ 4 ދަރިންކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. ނަމަވެސް އެމީހުން ރާއްޖެއައީ ކޮން ގައުމަކުންކަމެއް ހާމައެއް ނުކުރެއެވެ.

"ކުޑަކުދިންނާއި އަނިޔާއަށް ހުށަހެޅިފައިވާ އަންހެނުންނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާޙަދާތަކުން ޚާއްސަ ސަލާމަތާއި ރައްކާތެރިކަން ދީފައިވާ ބަޔަކަށް ވާހިނދު، އެފަދަ ފަރާތްތަކުގެ އައިޑެންޓިޓީ ހާމަކޮށް ޒާތީމައުލޫމާތު އާންމުކޮށް ފެތުރުމަކީ އެފަދަ ފަރާތްތަކުގެ އިންސާނީ ކަރާމަތަށް އުނިކަންލިބޭ، ޤާނޫނީގޮތުން މަނާކުރެވިފައިވާ، އަދި އެފަރާތްތައް އަލުންއަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅޭ ކަމެއްކަމުގައި ވާތީ، ޒިންމާދާރުކަމާއެކު މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ." ހޯމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ހޯމް މިނިސްޓްރީން ބުނީ މިމަސައްކަތުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ ދިވެހިރާއްޖޭގެ ދާޚިލީސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދިވެހިރައްޔިތުންގެ އަސާސީ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށާއި، އެކިސަބަބުތަކާހުރެ މުޖުތަމަޢުން ހަވާސާވެފައިވާ ފަރާތްތައް ޤާނޫނުތަކާއި ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން، އިސްލާހުކޮށް ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނައުމަށްކަމަށެވެ.

ހަނގުރާމަވެރި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ދިވެހިން އުޅެމުންދާއިރު، އެކަމާއި ގުޅޭ ރަސްމީ ހިސާބެއް ނެތެވެ. ނަމަވެސް ސަރުކާރުން އެންމެފަހުން ބުނީ ވޭތުވެދިޔަ 3 އަހަރު ތެރޭގައި ހަނގުރާމަވެރި ސަރަހައްދަކަށް ދިވެއްސަކު ގޮސްފައިނުވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން