ލެޔާ ލޭގެ ގުޅުން ބަދަހިވާނެ ކަމަށް ވިދާޅުވެ، ރައީސް މައުމޫނުގެ ޢާއިލާ އެކަތިގަނޑެއްގެ ގޮތުގައި ސިޔާސީ މައިދާނަށް ނުކުންނަށް އުޅޭކަމުގެ އިޝާރާތެއް ރައީސް މައުމޫނުގެ ހަގު ދަރިކަލުން މުޙައްމަދު ޣައްސާން މައުމޫން ދެއްވައިފިއެވެ.

ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުޙައްޤުންކަމަށާއި، އެ މަނިކުފާނު މިނިވަން ކުރުމުގެ މަސައްކަތް ކުރަމުންދަނީ ފާޅުގައި ކަމަށް ޣައްސާން މައުމޫން ވިދާޅުވެފައި ވާތީ އެކަމަށް ރައްދު ދެއްވަމުން، އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު ވަޙީދު (ފައިނު ވައްޑެ) ކުރެއްވި ޓްވީޓަކަށް ދެއްވި ރައްދެއްގައި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވީ، ވެރިކަންކުރާ ކޯލިޝަނާ ރައީސް މައުމޫނާއި އޮތީ ތެލާއި ފެނުގެ ގުޅުން ކަމަށާއި، ނަމަވެސް ރައީސް ޔާމީނާއި އޮތީ ލެޔާ ލޭގެ ގުޅުން ކަމަށެވެ.

"އިޝާރާތްކުރީ ތެލާ ފެނުގެ ގުޅުމަށް. ލެޔާ ލޭގެ ގުޅުން ބަދަހި ކަމަށް،" ވިދާޅުވެ ޣައްސާން ވަނީ ވައްޑެ އަށް ރައްދު ދެއްވާފައެވެ.

މިވާހަކައަށް ރައްދު ދެއްވަމުން ވައްޑެ ވިދާޅުވީ، ބައްޕާފުޅާއި، ބޭބޭފުޅުގެ ދިފާޢުގައި ބަހެއް ބުނަން ޣައްސާނަށް ކެރިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ޝަރުޢީ ޙުކުމެއްނެތި ބައްޕާފުޅާއި، ބޭބޭފުޅު ޖަލުގައި އޮންނެވިއިރު ޣައްސާން ހުންނެވީ ރައީސް ޔާމީންގެ އަރިހުގައި ކަމަށް ވައްޑެ ވިދާޅުވެފައި ވެއެވެ.

ވައްޑެ ވަނީ، ރައީސް ޔާމީން ހުންނެވީ ސިޔާސީ ނުފޫޒުން ކުރި ޙުކުމެއްގައި ކަމަށް ވާނަމަ، ޣައްސާނުގެ ބައްޕާފުޅު ރައީސް މައުމޫނާއި، ބޭބޭފުޅު ފާރިސް މައުމޫން އެކަން ފާހަގަ ކުރަށްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޣައްސާން ވިދާޅުވީ، "އިޝާރާތްކުރެއްވި ކަންތައް ކޯލިޝަން މުގުރުމުން ފެންނަންފަށާނެ، އެ ދުވަސް ދާދި ކައިރިން ފެންނަކަހަލަ،" ކަމަށެވެ.

ޢާއިލީ ގުޅުންތަކާއި ރަހުމާ ހަމްދަރުދީ ގެންގުޅުއްވަނީ ވަކި ޒަމާނަކުން ވަކި ކޯލިޝަނެއް މުގުރުމަށްފަހު ކަމުގައި ޣައްސާން ފާހަގަ ކުރެއްވީތީ ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވެ ވައްޑެ ވަނީ ޣައްސާނަށް ފާޑު ވިދާޅުވެފައެވެ. އަދި ތެލާ ފެނަކީ ގުޅޭނެ އެއްޗެއް ނޫންކަން ޣައްސާނަށްވެސް އެނގިވަޑައި ގަންނަވާނެ ކަމަށް ވިދާޅުވެ ވައްޑެ ވަނީ، ކޯލިޝަންތައް އަރާތިބޭ ގަލަކީ ލޮނދިކަމެއް ހުންނަ ގަލެއް ކަމަށް ވެސް ވިދާޅުވެފައެވެ.

އެކަމަކު ބަފާފުށުގެ ގަލަކީ، މައިފުށުގެ ބޭފުޅުންނަށް، އެއަށް ވުރެ މާ ލޮނދި، މާ ކައްސާ ގަލެއް ކަމަށް ވިދާޅުވެ ވައްޑެ ވަނީ ރައީސް ޔާމީނާއި، ރައީސް މައުމޫންގެ އެއްބަފާކަމުގެ ގުޅުމަށް އިޝާރާތް ކުރަށްވާފައެވެ.

މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ޣައްސާން ވަނީ، ފުޅިއެއްގެ ތެރެއަށް ތެލާއި ފެން އަޅާފައި ކިތަންމެ ވަރަކަށް ތެޅުވިޔަސް އެ ވަކިވާނެ ކަމަށާއި، ދެން ފެންނާނީ ފެނަށް ވުރެއް ލޭ އޮލަކަން ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ޣައްސާން މިރޭ ކުރެއްވި ޓްވީޓަކީ ކޯލިޝަން ރޫޅި، ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ރައީސް މައުމޫންގެ ޢާއިލާ އެކަތި ގަނޑެއްގެ ގޮތުގައި ނުކުންނަށް އުޅޭ ކަމަށް ދެއްވި ސިގްނަލެއް ކަމަށް ވެސް ބައެއް މީހުން ސިފަކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު