ގުރައިދޫ ދާއިރާގެ ޕީޕީއެމް މެންބަރި މުޙައްމަދު ޣައްސާން މައުމޫން
ގުރައިދޫ ދާއިރާގެ ޕީޕީއެމް މެންބަރި މުޙައްމަދު ޣައްސާން މައުމޫން
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި ވަކި ބަޔަކު ފްރޭމް ކުރެވިގެން ނުވާނެ ކަމަށް ގުރައިދޫ ދާއިރާގެ ޕީޕީއެމް މެންބަރި މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި އަވަހަށް ދައުވާ ކުރަން ޖެހޭ ފަރާތްތައް ކަނޑައަޅައި، ދައުވާ ކުރުމުގެ މަސައްކަތް ވަރަށްބާރަށް ކުރިއަށްދާ ކަމަށް ދާޚިލީ ވަޒީރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ވާހަކައާއި ގުޅިގެން ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ، އެމްއެމްޕީއާރްސީ މައްސަލާގައި ވަކި ބަޔަކު ފްރޭމް ކުރެވިގެން ނުވާނެ ކަމަށެވެ.

އަދި "ސެލެކްޓިވް ޖަސްޓިސް" ގެ އުސޫލުން އިންސާފު ނުލިބޭނެ ކަމަށާއި، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ޢަބްދުﷲ އާއި ޑރ. އަފްރާޝީމް އަލީ އާއި ބްލޮގަރ ޔާމީން ރަޝީދުގެ މައްސަލަ ފަދަ މައްސަލަތަކުގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ނަޒާހަތްތެރިކަން ވެސް ކަށަވަރު ކުރެވެންޖެހޭ ކަމަށް ޣައްސާން ވިދާޅުވިއެވެ.

ހަމައެހެންމެ ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމަށް ހަމަލާދިން މައްސަލަ ވެސް ބަލަންޖެހޭ ކަމަށް ޣައްސާން ވަނީ ވިދާޅުވެފައެވެ.

ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީން ގެއްލިފައިވާ 1.2 ބިލިއަން ރުފިޔާގެ މައްސަލާގައި އެންމެންގެ މައްޗަށް އެއްފަހަރާ ދަޢުވާ ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި، އެހެންކަމުން އެކަމުގައި އަވަހަށް ދަޢުވާކުރަންޖެހޭ މީހުން ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާ ލިބުނު މީހުންގެ އަދަދު 260 އަށް ވުރެން މަތިވާނެ ކަމަށް ބެލެވޭ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އިމްރާންގެ ވާހަކަތަކަށް ޕީޖީ ޝަމީމްވެސް ވަނީ ރައްދު ދެއްވާފައެވެ. ޝަމީމް ވިދާޅުވީ، އެމްއެމްޕީއާރުސީ ގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ބައިވެރިން ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ އުފުލާއިރު ދައުވާ ކުރާނެ ގޮތާއި މީހުން ކަނޑައަޅާނީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށާއި އެކަމުގައި އެހެން ބައެއްގެ ލަފާ ހޯދަން ނުޖެހޭނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބައިވެރިންނަށް ދަޢުވާ ނުކުރެވޭނަމަ ރައީސް ޔާމީން ގިނިކަންޏާ ޖަލުގައި ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށް ރައީސް މުޙައްމަދު ނަޝީދުވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މިސަރުކާރަށް އިންސާފުވެރިކަމާއެކު އެކަން ނުކުރެވިގެން އުޅެނީ މި ސަރުކާރުގެ މަތީ ބޭފުޅުންނާއި އެމްޑީޕީގެ ނުފޫޒު ގަދަ ފަރާތްތަކުގެ ތެރޭގައި އެ ޚިޔާނާތުގެ ފައިސާގައި ޖެހިފައިވާ މީހުން ހިމެނޭތީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން