ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް
ކޯވިޑް-19 ރިލީފް ފަންޑުން އެހީ ދިން މީހުންގެ ލިސްޓް ހޯއްދެވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިކަމަށް އެދި މީކާއީލް ފޮނުއްވާފައިވާ ސިޓީގައި ވަނީ، ސަރުކާރުން ތައާރަފު ކޮށްފައިވާ ރިލީފް ޕެކޭޖްތަކުގެ އެހީ އަށް ޝަރުތު ހަމަވި ނަމަވެސް، ވަރަށް ގިނަ ބަޔަކަށް އެހީ ނުލިބޭ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި އެހީ ލިބުނު ފަރާތްތަކުގެ ލިސްޓް އާއްމުކޮށް ފެންނަން އޮތުމަކީ އެހީ ދިނުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި މީކާއިލް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، އިންކަމް ސަޕޯޓްގެ ގޮތުގައި މި މަހުގެ ދެވަނަ ދުވަހާ ހަމައަށް 1.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، ވިޔަފާރިތަކަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލާފައިވާ ލޯނު ސްކީމަށް އެޕްލައިކުރި 1،136 ފަރާތެއްގެ ތެރެއިން 618 ފަރާތެއްގެ އެޕްލިކޭޝަން އެޕްރޫވް ކޮށްފައިވާ ކަމަށެވެ. ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި މިހާތަނަށް 30.5 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އަމިއްލަ މަސައްކަތް ކުރާ 702 ފަރާތެއްގެ ތެރެއިން 230 ފަރާތެއްގެ ހުށަހެޅުމަށް ހުއްދަ ދީފައިވާ ކަމަށާއި، އެފަރާތްތަކަށް 1.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މެމްބަރު މީކާއީލް އެދިވަޑައިގެންފައިވަނީ، މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ މެދުވެރިކޮށް، އެ ލިސްޓު ހޯދައި އާއްމުކޮށް، އެހީގެ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު ކަށަވަރު ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން