އެމްޑީޕީއަށް އަމާޒުކޮށް އެއްޗެއް ބުނާއިރު ހަފަހަރު ވިސްނަންވާނެ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިޕާޒް ވިދާޅުވެއްޖެއެވެ.

ޢަދާލަތުޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އަށް ނިސްބަތްކޮށް އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް ވިދާޅުވި ވާހަކަތަކެއްގެ މައްސަލާގައި، އެމްޑީޕީއާއި ޢަދާލަތު ޕާޓީގެ އިސް ފަރާތްތަކުގެ މެދުގައި ބަހުގެ ހޫނު ޙަމަލާތަކެއް ދަނީ ބަދަލު ކުރަމުންނެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރުކަންވެސް ކުރަށްވަމުން ގެންދަވާ ޝިފާޒް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީން ކުރި ބުރަ މަސައްކަތުން އެންމެ ބޭފުޅުންނަށްވެސް އެނގެންވީ ޙަޤީޤަތަކީ، އެމްޑީޕީއަށް އަމާޒުކޮށް އެއްޗެއް ބުނުމުގެ ކުރިން ހަފަހަރު ވިސްނަންވާނެ ކަމެވެ.

"ޤައުމަށްޓަކައި އެމްޑީޕީ ކުރަމުންދާ މަސައްކަތް އެއްވެސް ބޭފުޅަކަށް އޮޅިގެން ނުވާނެ،" ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއާއި، އަދާލަތު ޕާޓީގެ ކޯޅުން ބޮޑުވެފައިވާއިރު، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ނިސްބަތުން އެންމެ ބުރަކޮށް މަސައްކަތް ކުރައްވާފައިވަނީ އެމްޑީޕީންކަން އެޕާޓީގެ މެންބަރުން ފާހަގަކުރެއެވެ. އެހެން ނަމަވެސް ރައީސް ޞާލިޙްގެ ސަރުކާރު ވެރިކަމަށް އައުމަށްފަހު ބުރަކޮށް މަސައްކަތް ކުރި އެމްޑީޕީގެ ގިނަ މެމްބަރުން މަގުމަތިކޮށްލާފައިވާ ކަމަށް އެމްޑީޕީގެ މެމްބަރުން ދަނީ ބުނަމުންނެވެ.

މި ސަރުކާރުގެ އިސް މަޤާމުތަކާއި، ވުޒާރާތަކުގެ ވަޒީރުކަމުގައި ކޯލިޝަން ޕާޓީތަކުން އައްޔަންކުރި ޤާބިލްނޫން ފަރާތްތައް ގިނަވުމުގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެންމެ އެކަށީގެންވާ ބާރުމިނުގައި ދެވެމުން ނުދާ ކަމަށުގެ ޝަކުވާގެ އަޑު އިވެމުންދާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައިވެސް އެ ބަހުސް ހިނގަމުންދާކަން ފާހަގަ ކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު