ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސް ވެރިން
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސް ވެރިން
އާންމުން ނުކުމެއުޅޭއިރު ތިން ފަށަލަ ހިމެނޭ ފޮތިމާސްކް އެޅުމަށް ކަނޑައަޅައި، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މާސްކް އެޅުމާ ބެހޭގޮތުން އާ އުސޫލްތަކެއް އާންމު ކޮށްފިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން އާންމު ކޮށްފައިވާ މާސްކް އެޅުމާ ބެހޭ އައު އުސޫލުގައި ވަނީ، ކޯވިޑް-19 ގެ ރޯގާ ބަލިމަޑުކަން ފެތުރޭ ހުރިހާ މުޖުތަމަޢެއްގެ ސިއްހީ ޚިދުމަތްތެރިން ޚިދުމަތުގައި ޝާމިލުވެ އުޅޭއިރު އަބަދުވެސް މެޑިކަލް މާސްކް އެޅަން ޖެހޭނެ ކަމަށެވެ. އަދި މިފަދަ މުޖުތަމަޢު ތަކުގައި ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިން ވެސް މެޑިކަލް މާސްކް އެޅުމަށް އެ ޖަމިއްޔާއިން ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރެމުންދާ ޤައުމުތަކުގައި އުމުރުން 60 އަހަރުން މަތީގެ މީހުން ގައިދުރުކަން ނެތް ތަންތަނަށް ގޮސް އުޅޭއިރު މެޑިކަލް މާސްކް އެޅުމަށް އެ އުސޫލުގައި ހިމަނާފައިވެއެވެ.

އެއާއެކު، ޢާއްމުންގެ ތެރޭގައި ބަލި ފެތުރޭ މުޖުތަމަޢު ތަކުގައި ދިރިއުޅޭ ފަރުދުން މާސްކް އަޅަންޖެހޭ އުސޫލަށްވެސް ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ވަނީ ބަދަލު ގެނެސްފައެވެ.

ޑަބްލިއު އެޗްއޯ އިން ބުނެފައިވަނީ، ހަލުއިކަމާއެކު ބަލި ފެތުރޭ މުޖުތަމަޢުތަކުގައި އުޅޭ މީހުން މާސްކް އެޅުމާ ބެހޭ އުސޫލު ބަދަލުކޮށްފައިވަނީ އިލްމީ ހޯދުންތަކުގެ އަލީގައި ކަމަށެވެ. އެފަދަ މުޖުތަމަޢު ތަކުގައި އުޅޭ އާންމު ރައްޔިތުން މާސްކް އަޅަން ސަރުކާރު ތަކުން ބާރު އަޅަން ޖެހޭނެ ކަމަށާއި، ޕަބްލިކް ޓްރާންސްޕޯރޓް ބޭނުން ކުރުމާއި، ފިހާރަތަކާއި އަދިވެސް މީހުން ގިނައިން އެއްވާ ތަންތަން ފަދަ ގައިދުރުކަން ނުބެހެއްޓޭ މާޙައުލު ތަކަށް ނުކުމެ އުޅެން ޖެހޭއިރު ކޮންމެހެންވެސް މާސްކް އެޅުމަކީ މުހިއްމު ކަމެއް ކަމަށް އެ ޖަމުޢިއްޔާއިން ވަނީ ބުނެފައެވެ.



އެ ޖަމުޢިއްޔާއިން ވަނީ، ފޮތި މާސް އުފެއްދުމުގެ މިންގަނޑު ސައިންޓިފިކް އިލްމީ ހޯދުން ތަކުގެ އަލީގައި އަލުން އެކަށައަޅާފައެވެ. އެގޮތުން، ފޮތި މާސްކުގައި މަދުވެގެން ތިން ފަށަލަ ބެހެއްޓުމަށާއި، މިއިން ކޮންމެ ފަށަލައެއްގައިވެސް ތަފާތު މެޓީރިއަލް ބޭނުން ކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން އެންމެ ބޭރު ފަށަލައިގައި ޕޮލިސްޓަރ ފަދަ ފަސޭހައިން ފެދިގެން ނުދާ ފަދަ މެޓީރިއަލެއް ބޭނުން ކުރުމަށް އެޖަމިއްޔާއިން އިރުޝާދު ދީފައި ވެއެވެ.

މާސްކަކީ ގައިދުރުކަމާއި، އަތް ދޮވުންފަދަ ރައްކާތެރިކަމުގެ އާދަތައް ދޫކޮށްލާފައި ބޭނުންކުރާ އެއްޗެއް ނޫން ކަމަށާއި، މާސްކް ބޭނުން ކުރާނީ ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅު ތަކާއި އެކުގައި ކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ.

މީގެކުރިން މުޅިން ފުރަބަންދަށް ތާއީދުކޮށް އިރުޝާދު ދެމުން ގެންދިޔަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މި ނިމްމުމަކީ ކޯވިޑް-19 އާއިއެކު އާންމު ހާލަތެއްގައި ދިރިއުޅުމަށް މަގުފަހި ކޮށްދީ އެކަމަށް ބާރުއަޅާފައިވާ އުސޫލު ތަކެއް ކަމުގައި ބައެއް ފަރާތްތަކުން ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން