ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ނިންމުމެއް ގޯސްކަމަށް އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ފުރަތަމަ ފަހަރަށް ނިންމައިފިއެވެ.

އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަކީ ޖޭއެސްސީން ފަނޑިޔާރުންނާމެދު އަޅާ ފިޔަވަޅުތައް އިސްތިއުނާފް ކުރާ މަޖިލީހެވެ. މިއީ ދަށު ކޯޓާއި، ހައިކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ.

ޖޭއެސްސީން ގޯސްކޮށް ނިންމިކަމަށް އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވަނީ ހުޅުމާލޭ ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދުގެ މައްޗަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމި މައްސަލައެވެ. ސިޔާމާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ނިންމީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކާ ދެކޮޅަށް ފުލުހުން ލިޔުންތަކުގައި ހެކި ހުށަހަޅާފައި ހުއްޓާ އެ މީހާގެ ކުށުގެ ރެކޯޑް ފިޔަވައި އިތުރު ހެއްކެއް ނެތް ކަމަށް ކޯޓު އަމުރުގައި ބަޔާން ކޮށްފައިވާ ކަމަށް ބުނެއެވެ. އަދި ސުލޫކީ ފިޔަވަޅެއްގެ ގޮތުން ޖޭއެސްސީން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ސިޔާމާ ފުރިހަމަކުރަންޖެހޭ ގޮތަށް ޖޭއެސްސީން އޮތީ ނިންމާފައެވެ.

ސިޔާމާގެ ފަރާތުން އެ ނިންމުން އިސްތިއުނާފް ކުރުމުން ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މުހުތާޒް ފަހުމީ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އިންނަވާ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ނިންމީ އެކަމުގައި ސުލޫކާ ޚިލާފް ކަމެއް ފެންނަން ނެތް ކަމަށެވެ.

އެ ނިންމުމުގައިވަނީ ފަނޑިޔާރުން މައްސަލަތައް ބެލުމުގައި ހަދާ އިޖްރާއީ ގޯސްތައް މަތީ ކޯޓުތަކުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނައިރު، މި މައްސަލާގައި އެގޮތަށް އަމަލުކޮށްފައިނުވާ ކަމަށެވެ. އަދި ފަނޑިޔާރަކު ހަދާ އިޖްރާއީ ގޯހެއް ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލެވޭނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފްކަމެއް ބޭރުފުށުން ފެނިފައިވާ ކަމަށާއި އެ ނޫން ހާލަތްތަކުގައި އެކަންކަމާ މެދު ގޮތެއް ނިންމޭނީ އިސްތިއުނާފް މަރުހަލާއިން ކަމަށް އެ ނިންމުމުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން