ސްޓެލްކޯޯ މައި އިމާރާތް؛ ސްޓެލްކޯއިން މިމަހުގެ ބިލް ތައްޔާރު ކުރާނީ ގޭގެއަށް ގޮސް ރީޑިންގ ނަގައިގެން (ރަސް ފޮޓޯ)
ސްޓެލްކޯޯ މައި އިމާރާތް؛ ސްޓެލްކޯއިން މިމަހުގެ ބިލް ތައްޔާރު ކުރާނީ ގޭގެއަށް ގޮސް ރީޑިންގ ނަގައިގެން (ރަސް ފޮޓޯ)
މީޓަރުތަކުން ރީޑިންގ ނެގުމަށް ސްޓެލްކޯގެ މުވައްޒަފުން ގޭގެއަށް ދާގޮތަށް ނިންމައިފިއެވެ.

ސްޓެލްކޯ އިން ނެރެފައިވާ ބަޔާނެއްގައި ބުނީ ކޯވިޑް-19 އާ ގުޅިގެން މާލެ ސަރަޙައްދު ފުރަބަންދު ކޮށްފައިވާ މުއްދަތުގައި އެ ކުންފުނީގެ ކަސްޓަމަރުންނާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ފާއިތުވި ދެ މަހުވެސް ބިލް ހަދާފައި ވަނީ އެ ކުންފުނީގެ ވެބްޕޯޓަލް މެދުވެރިކޮށް ލިބެމުން އައި މީޓަރުގެ ފޮޓޯތަކަށް ބަލައިގެން ކަމަށެވެ. ނަމަވެސް، ވެބް ޕޯޓަލް މެދުވެރިކޮށް މީޓަރުގެ ފޮޓޯ ފޮނުވުމުގައި ކަސްޓަމަރުންނަށް ދަތިތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ ފާއިތުވި ދެ މަހުވެސް ގިނަ މީޓަރުތަކެއްގެ ފޮޓޯ ނުލިބިހުރުމުން ފޮޓޯ ނުލިބޭ މީޓަރުތަކަށް އެ ކުންފުނިން ބިލްހަދާފައި ވަނީ ފާއިތުވެދިޔަ މަސްތަކުގައި ކަރަންޓު ބޭނުންކުރައްވާފައިވާ މިންވަރަށް ބަލައި އެވްރެޖް އަދަދަކަށް ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ލޮކްޑައުނަށް ލުއިތަކެއް ދީފައިވާތީ، މިހިނގާ ޖޫން މަހުގެ ބިލް ހެދުމަށްޓަކައި ކުރިންވެސް އަމަލު ކުރަމުން އައިސްފައިވާ ގޮތަށް ގޭގެއަށް ގޮސް މީޓަރުތަކުގެ ރީޑިން ނަގަން ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އެގޮތުން މިއަދުން ފެށިގެން އެ ކުންފުނީގެ މުވައްޒަފުން ގޭގެއަށް ގޮސް ރީޑިން ނަގަމުންގެންދާނެ ކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

އަދި ފުރަބަންދަށް ލުއިތަކެއް ދީފައިވާ މިހާލަތުގައިވެސް ކަސްޓަމަރުންނާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ވަރަށްބޮޑު އިސްކަމެއް ދޭންޖެހޭތީ، މިހާލަތާ ގުޅިގެން ވަދެނުކުމެ ވުމުގައި ދަތި ތަންތަނަށް ބިލްހަދަމުންދާނީ ވެބްޕޯޓަލް މެދުވެރިކޮށް ލިބޭ ފޮޓޯއަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނީ ފޮޓޯ ނުލިބޭ ތަންތަނަށް ކުރީގެ މަސްތަކުގެ އެވްރެޖަށް ބިލް ހަދަމުން ގެންދާއިރު ފޮޓޯ ފޮނުވަން ޖެހޭ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގަމުން ގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ، ރީޑިން ނަގަން ފެށުމާއެކު، ކުރިންވެސް އިއުލާންކޮށްފައިވާ ގޮތައް އެވްރެޖްބިލް ފޮނުވާފައިވާ ކަސްޓަމަރުންގެ ބިލްތަކަށް ގެންނަންޖެހޭ އެޖަސްޓްމަންޓްތައް ގެންނަމުން ގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން