ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ (ކ)
ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ (ކ)
ހެޔޮލަފާ ރަޙްމަތްތެރިއަކީ ދުނިޔެމަތީގައި އިންސާނަކަށް ލިބޭނެ އެންމެ އަގުބޮޑު ޖަވާހިރުކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ރަޙްމަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒާއި ހޯރަފުށީ ކައުންސިލް ގުޅިގެން އިއްޔެ ހަވީރު ބޭއްވި އިސްރަށްވެހިންގެ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

ހޯރަފުށީގައި ބޭއްވި އިސްރަށްވެހިންގެ ހަވީރުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ހެޔޮލަފާ، ހެޔޮ އެދޭ ރަޙްމަތްތެރިއަކީ އޭނާގެ ދެދުނިޔެ ބާއްޖަވެރި ކުރުމަށް މަގު ކޮށައިދޭނެ އެންމެ މުހިންމު އެއް ބަހާ ކަމަށެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ރަޙްމަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އިމްރާން ދެއްކެވި ވާހަކައިގައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ ހަދީސްފުޅުގެ އަލީގައި ހަގީގީ ރަޙްމަތްތެރިކަމުގެ ސިފަތަކުގެ މައްޗަށް އަލި އަޅުއްވާލެއްވިއެވެ.

"ރަސޫލާ ޞައްލަﷲ އަލައިހި ވައްސަލަމް ހަދީސް ކުރައްވާފައިވޭ. ތިބާ މީހަކު ދެނެގަންނަން ބޭނުންނަމަ އަސްލު އޭނާއަށް ނުބަލާށޭ. ބަލާށޭ އޭނަގެ އެންމެ ގާތް މީހަކީ އެންމެ ރަޙްމަތްތެރިއަކީ ކާކުތޯ. އެހެންވީމަ ރަޙްމަތްތެރިއަކަށްވީމަ މިވާ ގޮތަކީ އެ ދެމީހެއްގެ ހުރިހާ ބަހާތައް އެކައްޗަކަށްވެ އެކަތިގަނޑަކަށް ހަދަނީ. ރަހްމަތްތެރިކަމަކީ ހިތުގަ އުފެދިގެންދާ ޖަޒުބާތާއި ލޯތްބާއި ކުލުނުގެ ނަތީޖާ." މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ރަޙްމަތްތެރިކަމަށް އިސްލާމް ދީނުގައި ވަރަށް ބޮޑު ބާރެއް އެޅިގެންވާ ކަމަށާއި އިސްލާމީ މުޖުތަމައުގައި އުޅޭ ކޮންމެ މީހަކީ އޭނަގެ ގާތް، އެކުވެރި، ރަޙްމަތްތެރިއަކަށްވުމަށް ބާރު އަޅުއްވާފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިސްލާމީ މުޖުތަމައަކީ ރައްކާތެރި، އަމާން ސުލްޙަވެރި މުޖުތަމައަކަށް ވެގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެކަކު އަނެކަކަށް ގޯނާއެއް ނުކުރުމާއި ދެރަކަމެއް ނޭދުމާއި ޖެއްސުމެއް، ފުރައްސާރައެއް ނުކުރުމާއި މިފަދަ ހުރިހާ ކަމެއް ހިމެނިގެންވަނީ އިސްލާމް ދީނުގައި ހިމެނޭ ރިވެތި ރަޙްމަތްތެރިކަމުގެ ސިފަތަކުގެ ތެރޭގައި ކަމަށެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހަމައެކަނި ލިބޭ އުފާވެރިކަމުގައި ބައިވެރިވާ ފަރާތަކީ ހަގީގީ ރަޙްމަތްތެރިއެއް ނޫންކަމަށާއި ހަގީގީ ރަޙްމަތްތެރިއަކަށް ވެވެނީ އުފަލާއި ހިތާމައިގައި ބައިވެރިވެ ދަތި ދުވަސްތަކާއި ފާގަތި ދުވަސްތަކުގައިވެސް ބައިވެރި ވުމުން ކަމަށެވެ.

މި އާއިލީ ހަވީރުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް މުޙައްމަދު މާހިރު ޢީސާ ވެސް އިވެރިވެ ވަޑައިގެން ވާހަކަ ދެއްކެވިއެވެ. ސްޓޭޓް މިނިސްޓަރގެ ވާހަކައިގައި ވިދާޅުވީ އެކުވެރިކަމާއި ރަޙްމަތްތެރިކަމުގެ ގުޅުން ދަމަހައްޓަންވީ ދުނިޔަވީ ހުރިހާ ނުބައިކަމަކުން ދުރުވުމަށް ކަމަށާއި އެއްވެސް ނުބައި ކަމަކަށް ގާތް ނުވުމަށް ނަސޭހަތްތެރި ވުމަށް ކަމަށެވެ.

ބައިނަލްއަގުވާމީ ރަޙްމަތްތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒާއި ހޯރަފުށީ ކައުންސިލް ގުޅިގެން އިއްޔެ ހޯރަފުށީގައި ބޭއްވި ހަވީރު ޚާއްސަކޮށްފައިވަނީ އެރަށުގައި ތިބި އިސްރަށްވެހިންނަށެވެ. އެގޮތުން މިހަވީރުގައި ބައިވެރިވި އިސްރަށްވެހިންނަށް ހަދިޔާދީ އެފަރާތްތަކާއެކު އެކި ކަހަލަ ކުޅިވަރު ކުޅުން ވަނީ ކުރިއަށް ގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން