ގަމު އޭޓީއެމްގައި ހަރުކޮށްފައިވާ ނޯޓިސް
ގަމު އޭޓީއެމްގައި ހަރުކޮށްފައިވާ ނޯޓިސް
ހައްދުންމަތީ ގަމު ރީޖަނަލް ހޮސްޕިޓަލްގެ ބޭނުމަކަށް އެރަށުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ބަންދުކުރަން ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް ގަމު އޭޓީއެމްގައި ހަރުކޮށްފައިވާ ނޯޓިސްގައި ބުނެފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގެ ބޭނުމަކަށް އެ ބްރާންޗު ހުސްކުރަން އެދިފައިވާކަމަށެވެ. އަދި 30 ސެޕްޓެމްބަރު 2022 އިން ފެށިގެން އެ ބްރާންޗުގެ ޚިދުމަތް ހުއްޓައިލާނެ ކަމަށް އެ ނޯޓިހުގައިވެއެވެ.

އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ބީއެމްއެލުން ވަނީ މަޢާފަށް އެދިފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ލ. އަތޮޅު މާމެންދޫ އާއި ފޮނަދޫ އާއި މާވަށާއި ގަމުގައި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ދަނީ ދެމުންނެވެ. މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބެއެވެ.

ދިވެހި ބޭންކުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ގަމުގައި އިތުރު އޭޓީއެމެއް ބަހައްޓާނެ ކަމެއް އެނގިފައެއް ނުވެއެވެ. އެރަށުން "ރަސް އޮންލައިން" އާއި ވާހަކަ ދެއްކި ބައެއް މީހުން ބުނީ ގިނަ ބަޔަކު ޚިދުމަތް ހޯދާ އެ އޭޓީއެމް ބީއެމްއެލުން ބަންދުކުރަނީ ހޮސްޕިޓަލަށް އެބިން ބޭނުންވާތީ ހުސްކުރަން އެންގުމުން ކަމަށް ބުނެ ޚިދުމަތް ހުއްޓާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެ ބިން ހޮސްޕިޓަލަށް ބޭނުންވާނަމަ އޭޓީއެމް އެހެން ތަނަކަށް ބަދަލުކޮށްގެން ވެސް އާންމު ރައްޔިތުންނަށް ދަތި ނުވާނެ ގޮތަކަށް ޚިދުމަތް ދެވޭނެ ކަމަށެވެ.

އެއީ ދިވެހި ބޭންކް ކިޔަކަސް އެއީ އާންމުންގެ އަތުން ހެސް ކިޔާފަ ފައިސާ ނަގައިގެން ޚިދުމަތް ދޭ ބޭންކެއް. އަނެއްހެން ބުނާނަމަ ލޯނެއް ނެގިޔަސް ރައްޔިތުން ފެލާލާ ތަނެއް އެއީ. އެ ބޭންކުން ބިން ގަނެގެން ނޫނީ ކުއްޔަށް ހިފައިގެންވެސް ރައްޔިތުންނަށް ޚިދުމަތް ދެވޭ ވަރަށް ރައްޔިތުން އަތުން ފައިސާ ނަގާ. ކޮންމެ ރަށަކުން ރައްޔިތުންގެ ބިމެއް ނޫނީ ސަރުކާރުގެ ބިމެއް އޭޓީއެމް ޚިދުމަތް ދޭކަން އެބޭންކަކަށް ދޭކަށް ނުޖެހޭ." ނޫހާ ވާހަކަ ދެއްކި މީހަކު ބުނެފައި ވެއެވެ.

އެހެން މީހަކު ބުނީ ހީވަނީ އެތަން ހުސްކުރަން އެންގުމުން ރައްޔިތުންނާ ސަރުކާރާ ޖައްސަން ވެގެން ބޭންކުން ޚިދުމަތް ހުއްޓާލަނީ ކަމަށެވެ.

މިކަމާ ބެހޭގޮތުން ގަމު ކައުންސިލުން ބަހެއް ލިބޭ ގޮތެއް އަދި ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން