މުޅި މުޖުތަމައުގެ ޒިންމާ އަދާކޮށްގެންމެނުވީ ހެޔޮލަފާ ޖީލެއް ބިނާ ނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފުރަތަމަ ސްކޫލުކަމަށްވާ ކާމިލް ދީދީ ޕްރައިމަރީ ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، އައު ސުކޫލެއް ފަށާއިރު ގިނަ އުއްމީދުތަކެއް ހުންނާނެކަމަށެވެ. އަދި ސްކޫލެއްގެ ފެށުމަކީ ނުހަނު އުފާވެރި ކަމެއްކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ހެޔޮލަފާ ޖީލެއް ބިނާ ކުރުމުގައި ޓީޗަރުންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުގެ ބޮޑުކަން ފާހަގަކުރަށްވަމުން ނައިބުރައީސް ވިދާޅުވީ އެކަންކަން ޙާސިލު ކުރެވެން އޮތީ މުޅި މުޖުތަމައުގެ ޒިންމާވެސް އަދާކޮށްގެންކަމަށެވެ. އަދި ރިވެތި އަޙްލާޤަށްވުރެ މުހިއްމު ކަމެއް ނޯންނާނެ ކަމަށާއި، މައިންބަފައިންގެ ބަސް ޤަބޫލު ކުރުމާއި، އެއްދަރިވަރަކު އަނެއް ދަރިވަރަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނައިބްރައީސް ވަނީ ދަރިވަރުންނަށް ނަސޭޙަތްތެރިވެލައްވާފައެވެ.

ފޮތްތެރިކަމާއި، ފޮތް ކިޔުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ނައިބުރައީސް ވިދާޅުވީ މިއަދު ހުޅުވުނު ސްކޫލުގެ ނަން އެބޭފުޅަކާއި ގުޅިފައިވާ އަހުމަދު ކާމިލް ދީދީއަކީ ދިވެހި ބަހުން ތަފާތު ފޮތްތައް ލިޔުއްވި އަދީބެއްކަމަށެވެ.

އޭގެއިތުރުން ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއްދެނީ ތައުލީމީ ދާއިރާ ފުޅާކުރުމަށްކަމަށް ނައިބްރައީސް ވިދާޅުވިއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި ހުޅުވުނު ސުކޫލުގެ ސަބަބުން އެތައް ދަރިވަރުންނާއި ބެލެނިވެރިންނަށްވެސް އެކަމުގެ ލުއިފަސޭހަކަން ލިބިގެންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން