ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހެކިބަސްނެގުމަށް މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މިއަދު ހެނދުނު 9:30 އަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފައިވަނީ ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިންނެވެ. އެގޮތުން އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ ކޯޓަށް ސިޓީއެއް ފޮނުއްވާފައިވެއެވެ.

މި މައްސަލާގައި މިހާރު ކުރިއަށްގެންދާ ހެކިބަސްނެގުމުގެ މަރުޙަލާގައި ދަޢުލަތުން ހުށައަޅާފައިވާ ހުރިހާ ހެކިވެރިންގެ ހެކިބަސް މިހާރުވަނީ ނަގައި ނިމިފައެވެ. ދިފާޢީ ހެކިންގެ ހެކިބަސް އިއްޔެ ނަގަން ފަށާފައިވާއިރު މިއަދު ނެގުމަށް ހަމަޖެހިފައިއޮތީ ދިފާޢުން ހުށައަޅާ އިތުރު 3 ހެއްކެއްގެ ހެކިބަސްކަމަށް އިސް ޤާޟީ އަހުމަދު ޝަކީލް އިއްޔެ ވިދާޅުވިއެވެ.

ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީއާއި ޔޫސުފް ނައީމާއި ދެމެދު ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމުގެ އަތުން، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން