ރައީސް ޔާމީނަށް ވިއްކި 1 މިލިއަން ޑޮލަރުގެ ބަދަލުގައި ދިވެހި ފައިސާ ލިބުނުކަމަށް ޔޫސުފް ނަޢީމް ވިދާޅުވި ކަމަށް ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހެކިބަސްނެގުން ކްރިމިނަލް ކޯޓުގައި މިއަދުވަނީ ކުރިއަށް ގެންދަވާފައެވެ. މިއަދު ތިންވަނަ ހެކިވެރިއެއްގެ ގޮތުން ހެކިބަސްދެއްވި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޝާހިދު ކޯޓަށް ޙާޟިރުކޮށްފައިވަނީ ޑޮލަރު ވިއްކާނެ ފަރާތެއް ހޯއްދެވުމަށް ރައީސް ޔާމީން މަސައްކަތް ކުރެއްވިކަން ސާބިތުކުރުމަށާއި މުޙައްމަދު އިސްމާއީލް ޔޫސުފް ނައީމަށް ގުޅިއިރު ކައިރީގައި ހުރިކަން ސާބިތު ކުރުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހެކިބަސް ދެއްވަމުން މުޙައްމަދު ޝާހިދު ވިދާޅުވީ ރައީސް ޔާމީން މުޙައްމަދު އިސްމާޢީލަށް ގުޅުއްވައި ބޭންކު ރޭޓުން ޑޮލަރު މާރުކޮށްދޭނެ މީހަކު ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއިރު މުހައްމަދު ކައިރީގައި ހުންނެވި ކަމަށެވެ. އަދި މުޙައްމަދު އެވަގުތު ގިނަ ބަޔަކަށް ގުޅި ކަމަށާއި އޭގެ ތެރޭގައި ޔޫސުފް ނަޢީމްވެސް ހިމެނޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައީސް ޔާމީނަކީ ވަރަށް ގާތް ބޭފުޅެއްކަމަށާއި ޔޫސުފް ނަޢީމާއި މުޙައްމަދު އިސްމާޢީލަކީވެސް އޭނާގެ ވަރަށްގާތް ރަޙުމަތްތެރިން ކަމަށެވެ. އަދި ރައީސް ޔާމީން ވިދާޅުވި ޑޮލަރުގެ މުޢާމަލާތް ޔޫސުފް ނަޢީމް މެދުވެރިކޮށް ހަމަޖެހިފައިވާކަމަށް މުޙައްމަދު އިސްމާޢީލް ވިދާޅުވިކަމަށް ޝާހިދު ވިދާޅުވިއެވެ. އޭގެ އިތުރުން ޔޫސުފް ނައީމާއި ބައްދަލުވި ދުވަހެއްގައި އެކަމާބެހޭގޮތުން ސުވާލުކުރުމުން 1 މިލިއަން ޑޮލަރުގެ ބަދަލުގައި ދިވެހި ފައިސާ ރައީސް ޔާމީންގެ ފަރާތްޕުޅުން ލިބުނުކަމަށް ޔޫސުފްވެސް ވިދާޅުވިކަމަށް ޝާހިދު ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ދަޢުލަތުގެ ވަކީލުން ކުރެއްވި ގިނަ ސުވާލުތަކުގެ ޖަވާބުގައި ޝާހިދުވަނީ އެއްޖަވާބެއް ތަކުރާރު ކުރަށްވާފައެވެ. އެގޮތުން ވިދާޅުވަމުން ގެންދެވީ މުޙައްމަދު އިސްމާޢީލް ޔޫސުފް ނަޢީމާ ގުޅުއްވި ކަމަށެވެ. އެއްޖަވާބެއް ތަކުރާރު ކުރަށްވަން ފެށުމުން ދަޢުލަތުން ވަނީ ޝާހިދަށް ކުރާނެ އިތުރު ސުވާލެއް ނެތްކަމަށް ވިދާޅުވެފައެވެ.

މި މައްސަލާގައި މިހާރު ކުރިއަށްގެންދާ ހެކިބަސްނެގުމުގެ މަރުޙަލާގައި ދަޢުލަތުން ހުށައަޅާފައިވާ ހުރިހާ ހެކިވެރިންގެ ހެކިބަސް މިހާރުވަނީ ނަގައި ނިމިފައެވެ. ދިފާޢީ 4 ހެކިންގެ ހެކިބަސް މިހާތަނަށް ނަގާފައިވާއިރު ބާކީ އޮތީ 3 ހެއްކެއްގެ ހެކިބަސް ނެގުން ކަމަށް އިސްޤާޟީ އަޙްމަދު ޝަކީލް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީއާއި ޔޫސުފް ނައީމާއި ދެމެދު ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމުގެ އަތުން، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން