ފަރުވާކުޑަކުރުމުން ސިވިލް ކޯޓުގެ ޤާޟީ ޢަލީ ޢަބްދުالله ތަމްރީނެއް ފުރިހަމަކުރުމަށް ޖޭއެސްސީން އަންގައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ ސިވިލް ކޯޓުގެ ޤަޟިއްޔާއަކާ ގުޅިގެން ވަގުތީ އަމުރަކަށް އެދި ދަޢުވާކުރާ ފަރާތުން ހުށަހެޅުމުން އަޑުއެހުމެއް ބޭއްވުމަށްފަހު ވަގުތީ އަމުރާމެދު ގޮތެއް ނުނިންމައި ޤާޟީ ޢަލީ ޢަބްދުالله އެމައްސަލަ ބާއްވާފައިވާ ކަމަށެވެ. އަދި އޭގެފަހުން "ވަގުތީ އަމުރާމެދު ނިންމިގޮތް" ނިންމާފައިވަނީ ވަގުތީ އަމުރަކާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ މައްސަލައެއްގައި ގޮތެއް ނިންމުމަށް އެކަށީގެންވާ މިންވަރަށްވުރެ ގިނަ ދުވަހުންކަމަށް ބެލެވޭކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޖޭއެސްސީން ބުނީ ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގައި ޤާޟީ ޢަލީ ޢަބްދުﷲ ފަރުވާކުޑަކޮށްފައިވާކަމަށް ޤަބޫލުކުރެވޭ ކަމަށާއި، މި ޢަމަލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 151 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.1 އާއި 6.2 އަދި 6.5 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފު ޢަމަލެއްކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު ގެ 1-32 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ ޢަބްދުﷲއަށް ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އަޅާފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

މިނިންމުން ނިންމާފައިވަނީ 2022 ސެޕްޓެންބަރު 11 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ މިއަހަރުގެ 62 ވަނަ ޖަލްސާގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން